ބީއެމްއެލްގެ ބައިނަލްއަގްވާމީ ރޯޑްޝޯ ކާމިޔާބުކަމާއެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ނޮން-ޑީލް ރޯޑްޝޯ” ގެ ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ މަހުގެ 29 އިން ފެށިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަންގައެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މިއީ ބައިނަލްއަގްވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ސްޓްރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ. މި ބައްދަލުވުންތަކުން ހޯދާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށާއި، ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު އެހީތެރިކަމެއް
ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިއަން ޑޮލަރަށް (9.1 ބިލިއަން ރުފިޔާ) އަރައެވެ. މީގެ ތެރެއިން 35 މިލިއަން ޑޮލަރަކީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ދޫކޮށްފައިވާ ފައިސާއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވީ، “ބީއެމްއެލްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް މުހިންމު އިސް ބައިވެރިއެއް” ކަމަށެވެ. އަދި ބޭންކުން ދޫކުރާ ފައިނޭންސިންގެ އެހީގައި ސިނާއަތް ފުޅާކުރުމަށާއި އާ ހިދުމަތްތައް ތައާރަފް ކުރުމަށް މަގުފަހިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލީ ގޮތުން ވަރުގަދަ ހާލަތެއްގައި
ބީއެމްއެލްއިން ބުނި ގޮތުގައި މި ރޯޑްޝޯ ބާއްވާފައިވަނީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި ވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރަކަށް ފަހުގައެވެ. ބޭންކުގެ ފައިދާގެ ނިސްބަތާއި، ލިކުއިޑިޓީ އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ ހުރީ ރެގިއުލޭޓަރީ މިންގަނޑުތަކަށް ވުރެ މަތީގައެވެ. އަދި ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، ބޭންކު އޮތީ ބައިނަލްއަގްވާމީ މާކެޓްތަކަށް ވަނުމުގެ ފަހި ފުރުސަތުތަކަކާއެކު ވަރުގަދަ މާލީ ހާލަތެއްގައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސޯދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް ބައިނަލްއަގްވާމީ އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
“މިއީ ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަކީ ބޭންކަށް ބޭނުންވާ ފަންޑް ހޯދައި، ވަސީލަތްތައް އިތުރުކޮށް، ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް.” ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްއިން އަމާޒު ހިފާފައިވަނީ ރިސްކް މެނޭޖްމަންޓުގެ ހަރުދަނާ އުސޫލުތަކާ އެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދައި، ދިވެހި މާލީ ނިޒާމުގެ މައި ތަނބުގެ ގޮތުގައި ބޭންކުން އަދާކުރާ ދައުރު އިތުރަށް ވަރުގަދަކޮށް، ހިއްސާދާރުންނަށް އެންމެ ފައިދާހުރި ގޮތުގައި ބޭންކް ހިންގުމަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
