މޮޅުވާން މަޖުބޫރު މެޗަކަށް އޭދަފުށި މިއަދު ހަވީރު ހަނިމާދޫއާ ދެކޮޅަށް

އޭދަފުށި ޓައިމްސްކުޅިވަރު
ހަނިމާދޫ ދަނޑުގައި އޭދަފުއްޓާ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ޓީމް ހަނިމާދޫ

އުތުރު ރީޖަން ލީގުގައި މޮޅުވާން މަޖުބޫރު މެޗަކަށް އޭދަފުށިން މިއަދު ހަވީރު ހަނިމާދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

Advertisement

މި މެޗަށް ނުކުންނައިރު، ހަނިމާދޫ ދަނޑުގައި މި ހަފްތާ ދެޓީމު ވާދަކުރި މެޗުން އޭދަފުށި ވަނީ ބަލިވެފަ އެވެ. އޭދަފުށި ގޯލެއް ޖަހާފައިވަނިކޮށް އެ މެޗުން ބަލިވީ 1-2 އިންނެވެ.

ރީޖަން ލީގުގައި އޭދަފުށި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު ދެ މެޗުން ބަލިވެ އެއް މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. ހަނިމާދޫ މެޗުގެ އިތުރުން ދެން ބަލިވީ ރަށުން ބޭރުގައި ދިއްދޫއާ ވާދަކޮށް 1-2 އިންނެވެ. މޮޅުވީ އަމިއްލަ ދަނޑުގައި މަނަދޫ އަތުން 1-2 އިންނެވެ.

މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެފައިވާ ދިއްދޫ އެވެ. އެޓީމަށް 9 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތީ 6 ޕޮއިންޓް ހޯދާފައިވާ ހަނިމާދޫ އެވެ. އޭދަފުށި ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ފުލުގައި އޮތީ ތިން މެޗުން ވެސް ބަލިވެފައިވާ މަނަދޫ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ބުރުގެ ފުރުސަތު ލިބޭނީ އެއް ވަނަ ހޯދާ ޓީމަކަށެވެ. މިހާރު އޮތް ގޮތުން އެ ފުރުސަތު ލިބުމުގެ އަމިއްލަ ބާރު އޭދަފުއްޓަށް ވަނީ ގެއްލިފަ އެވެ. އަދި މިއަދުގެ މެޗުން މޮޅު ނޫން ނަތީޖާއެއް ނުކުމެއްޖެ ނަމަ އެ ފުރުސަތު އެއްކޮށް ބަންދުވާނެ އެވެ. އެހެންވެ، އަމިއްލަ ދަނޑުގައި މިއަދު ހަނިމާދޫ ބަލިކުރުން ވަނީ މަޖުބޫރުވެފަ އެވެ.

ހަނިމާދޫ އަށް ވެސް މިއަދުގެ މެޗު މުހިއްމެވެ. މިއަދުގެ މެޗުން މޮޅުވެއްޖެ ނަމަ އެޓީމަށް ދިއްދޫއާ އެއްވަރަށް 9 ޕޮއިންޓް ލިބޭނެ އެވެ. ދިއްދޫ ކުޅޭ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ މަނަދޫއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ދިއްދޫގަ އެވެ.

އުތުރު ރީޖަން ލީގުގައި އޭދަފުއްޓާއި ހަނިމާދޫ ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...