ރީޖަނަލް ލީގު ޓީމުތަކަށް އެފްއޭއެމުން 1.4 މިލިއަން ރުފިޔާ ދެނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން އަތޮޅުތަކުގައި ކުރިއަށްގެންދާ ރީޖަން ލީގުތަކުގައި ވާދަކުރާ ކްލަބްތަކަށް ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި ދޭ ފައިސާގެ އަދަދު އިތުރުކުރުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.
އެފްއޭއެމުން ބޭއްވި އެ އިދާރާގެ 13 ވަނަ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވަނީ، ނޯތު، ސެންޓްރަލް އަދި ސައުތު ރީޖަން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް ކުރިން ދިނުމަށް ހަމަޖެހިފައިވާ 90،000 ރުފިޔާގެ ބަދަލުގައި، އިތުރު 30،000 ރުފިޔާއާއެކު ޖުމްލަ 120،000 ރުފިޔާ ދިނުމަށެވެ. މި އެހީއަކީ ފީފާގެ އެހީތެރިކަމާއެކު ފޯރުކޮށްދޭ ފައިސާއެކެވެ.
މި ނިންމުމާއެކު، ރީޖަނަލް ލީގުތަކުގައި ވާދަކުރާ 12 ޓީމުގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖެއްސުމަށް އެފްއޭއެމުން ގާތްގަނޑަކަށް 1.44 މިލިއަން ރުފިޔާ ހޭދަކުރާނެއެވެ. މިއީ އަތޮޅުތަކުގެ ޓީމުތަކަށް މުބާރާތުގައި ބައިވެރިވުމަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމަށް ނިންމި ނިންމުމެކެވެ.
އެފްއޭއެމުން މިދިޔަ އަހަރު ތަޢާރަފްކުރި އަތޮޅު ޗެމްޕިއަންޝިޕްގެ އާ ފޯމެޓުގެ ދަށުން މެޗުތައް ކުޅެނީ ‘ހޯމް އެންޑް އަވޭ’ އުސޫލުންނެވެ. މި އުސޫލުގެ ސަބަބުން ބައެއް ޓީމުތަކުން ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުތައް ކުރަންޖެހުމުން، ދަތުރުފަތުރަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން އެފްއޭއެމުން ފާހަގަކުރެއެވެ.
އަތޮޅު ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން އެކުލަވާލި މި އާ ފޯމެޓާއެކު މިދިޔަ އަހަރު ފެށި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 49 ޓީމަކުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ދިވެހި ލީގަށް ކޮލިފައިވާ ބުރުގައި ވާދަކުރާނީ މާލެ ރީޖަންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާއި، ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ ޓީސީ އާއި އަށްވަނައިގައި ނިންމާލި ގްރީން ސްޓްރީޓްސް އެވެ.
މި ބުރުން ހޮވޭ ގަދަ ހަތަރު ޓީމަށް، އަންނަ ސީޒަނުގެ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
