އޭދަފުށީގެ ސޯލާ މަޝްރޫއުގެ 97 ޕަސެންޓް ނިމިއްޖެ

ބ. އޭދަފުށީގައި ތިމާވެއްޓާ ރައްޓެހި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ 97 އިންސައްތަ މަސައްކަތް މުޅިން ނިމިއްޖެ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި މަޝްރޫޢަކީ އޭދަފުށްޓަށް ލިބިގެންދާ ވަރަށް މުހިންމު ކުރިއެރުމެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، ރާއްޖޭގެ މާޙައުލަކީ ކަނޑުގެ ލޮނުގެ އަސަރުގަދަ އަދި ވައިގެ ތެރޭގައި ތަކެތި ދަބަރު ޖެހުމުގެ ފުރުޞަތު ބޮޑު މާޙައުލަކަށް ވުމުން، މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި ބޭނުންކުރާ ސްޓީލް އޮނިގަނޑުތަކަކީ ދަބަރު ޖެހުމުން ރައްކާތެރިކުރުމަށްޓަކައި “ގަލްވަނައިޒް” ކޮށް، އިތުރު ކޯޓިންގްތަކެއް ލެވިފައިވާ ވަރުގަދަ ތަކެތީގެ ގޮތުގައެވެ.
މިއީ މިފަދަ ޒަމާނީ ނިޒާމުތައް ރާއްޖޭގެ މާޙައުލުގައި ގިނަ ދުވަހަށް ދެމެހެއްޓުމަށާއި، މަރާމާތަށް ހިނގާ ޚަރަދު ކުޑަކުރުމަށްޓަކައި އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.
އޭދަފުށީގައި ޤާއިމުކުރާ މި ސޯލާ ނިޒާމަކީ މަދުވެގެން 20 އަހަރުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. އަދި “ޕަވަރ ޕާޗޭސް އެގްރީމަންޓް” (ޕީ.ޕީ.އޭ) ގެ ދަށުން ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި މި ނިޒާމުން އުފައްދާ ހަކަތަ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ، މަޝްރޫޢުގެ ބޮޑު ބައި ނިމި، މިހާރު ކުރަމުން އަންނަނީ މި ސޯލާ ނިޒާމުން އުފައްދާ ކަރަންޓު ފެނަކައިގެ މައި ގްރިޑާ ގުޅާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. މިފަދަ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން މެދުނުކެނޑި މި ޚިދުމަތް އޭދަފުށީގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
