އަތޮޅު ކައުންސިލްތައް އުވުމާއެކު، ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ހަދަނީ

އޭދަފުށި ޓައިމްސްޚަބަރު

ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއެކު އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޚާއްޞަ އިދާރާއެއް ހިންގުމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

Advertisement

އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވެ އެ ތަންތަން އުވުމުން ދެން ޢަމަލުކުރާނެ އުޞޫލުތަކާއި، އެ ތަންތަނުގެ ނަމަށް އަންނާނެ ބަދަލުތަކުގެ އިތުރުން މުވައްޒަފުންގެ މުސްތަޤްބަލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެލްޖީއޭއަށް ފޮނުއްވި ރަސްމީ ސިޓީއެއް މިހާރު ވަނީ މީޑިއާތަކަށް އާއްމުވެފަ އެވެ.

ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢާއިޝަތު އިކްރާމް ސޮއިކުރައްވައި ފޮނުއްވި އެ ސިޓީގައި ބަޔާންކޮށްފައިވަނީ، ލާމަރުކަޒީ ނިޒާމުގެ ދަށުން އަތޮޅުތަކުގައި ޤާއިމުކުރާ މި އޮފީސްތަކަކީ ސަރުކާރުގެ ވަކި މިނިވަން އިދާރާތަކެއްގެ ގޮތުގައި ނުބެލެވޭތީ، އެ ތަންތަނަށް ވަކި ޚާއްޞަ ނަމެއް ދިނުމުގެ ބަދަލުގައި “ލޯކަލް ގަވަމަންޓް އޮތޯރިޓީ – (އަތޮޅުގެ ނަން) އޮފީސް” މިގޮތަށް ބޭނުންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެގޮތުން ބ. އަތޮޅުގައި ހުންނަ އިދާރާއަށް ބޭނުންކުރާނީ “ލޯކަލް ގަވަމަންޓް އޮތޯރިޓީ – ބ. އަތޮޅު އޮފީސް” މި ނަމެވެ.

އަލަށް އިންތިޚާބުވި ރަށު އަދި ސިޓީ ކައުންސިލަރުން މިއަދު މަގާމުގެ ހުވާކުރެއްވުމާއެކު، ކުރީގެ އަތޮޅު ކައުންސިލްތަކުގެ ޤާނޫނީ މުއްދަތު ހަމަވެ، އެ އިދާރާތައް މިހާރު ވަނީ އުވިފައެވެ.

ނަމަވެސް، އެ ތަންތަނުގައި ކުރިން މަސައްކަތް ކުރަމުންދިޔަ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ ފަރާތްތަކަށް ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެހެން ކަންކަން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. މި ބަދަލުތަކަކީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން މިދިޔަ އަހަރު ގެނައި އިޞްލާޙުގެ ދަށުން، ކައުންސިލްތަކުގެ ސައިޒު ކުޑަކޮށް، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...