އީދު ފޯރިގަދަކޮށްލަން މަންނަ ބޮޑުބެރު އޭދަފުއްޓަށް!

އޭދަފުށި ޓައިމްސްޚަބަރު

ކްލަބް ކޮމްބިނޭޝަން (ސީސީ) އިން މިއަހަރުގެ ބޮޑު އީދުގައި ބާއްވާ “ދަ ހޯކްސް ސީސީ އީދު މަޖާ 1447” ގެ ހަރަކާތްތައް އިތުރަށް ފޯރިގަދަ ކުރުމަށް، ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް “މަންނަ ބޮޑުބެރު” އޭދަފުއްޓަށް އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

Advertisement

މި ހަރަކާތްތައް ކުރިއަށްދާނީ އީދު ދުވަހު ހަވީރު އޭދަފުށީ ރަސްމީ ފާލަން ސަރަހައްދުގައެވެ. މި އިވެންޓުގައި މަންނަ ބޮޑުބެރުގެ ހިތްގައިމު ހުށަހެޅުންތަކާއި، ދިވެހިންގެ ސަގާފީ ނެށުންތަކާއި އީދުގެ ޖޯޝް ގެނެސްދޭނެ ފޯރިގަދަ ހަރަކާތްތަކެއް ފެނިގެންދާނެއެވެ. މީގެ އިތުރުން ރޭގަނޑު އޮންނަ ޝޯ ގައިވެސް މަންނަ ބޮޑުބެރުގެ ހިތްގައިމު ހުށަހެޅުންތައް ފެނިގެންދާނެ އެވެ.

ސީސީން ބުނި ގޮތުގައި “ދަ ހޯކްސް ސީސީ އީދު މަޖާ 1447” ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރެއިން، ރަށުގެ ރައްޔިތުންނާއި އީދަށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރިގަދަ މިއުޒިކް ޝޯތަކެއް ފެނިގެންދާނެއެވެ. މި ޝޯތަކުގައި ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް “ސްކައިރޮކް” ގެ ހުށަހެޅުންތަކާއި، އެކްސްޓްރީމް ލެވެލް ގްރޫޕްގެ ފަރާތުން ހިތްގައިމު ނެށުންތަކެއް ފެންނާނެ ކަމަށް އެ ކްލަބުން ބުންޏެވެ.

މިއުޒިކް ޝޯތަކާއި ބޮޑުބެރުގެ އިތުރުން، އާއިލީ ގުޅުން ބަދަހިކުރުމަށާއި މުނިފޫހިފިލުވުމަށް ގިނަ ހަރަކާތްތަކެއް ވެސް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި، ކުލަ ފެސްޓިވަލްގެ އިތުރުން ވެޓަރަންސް ފުޓްބޯޅަ މުބާރާތަކާއި، އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ މަސްރޭހަކާއި ހޭންޑްބޯލް މުބާރާތެއް ވެސް މިއަހަރުގެ އީދު ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، ފިރިހެނުންނަށް ފޯރިގަދަ ވާދެމުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ އީދުގައި މުޅިން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ވެސް ސީސީން މައުލޫމާތު ދެއެވެ.

މި ފޯރިގަދަ އީދު ހަރަކާތުގެ ޕާޓްނަރުންނާއި ސްޕޮންސަރުންގެ ތެރޭގައި މެއިން ސްޕޮންސަރ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް، ބޫޓްރޫމް އެމްވީ، އޮބިއަން އެމްވީ، ބީއެޗްއެމް ޓްރޭޑަރސް، ޔޫރޯ ސްޓޯރ އެމްވީ އަދި ޔުނައިޓެޑް ފުޑް ސަޕްލަޔަރސް، ޔޫސުފް ސްޕީޑް ހިމެނެއެވެ.

އޭދަފުށީގައި ސީސީން ކުލަގަދަ ހަރަކާތްތަކެއް ރާވަމުންދާއިރު، މި ރަށުގެ ޖަމިއްޔަތުލް ވަފާ އިން ވެސް އަންނަނީ ސަގާފީ އެކި ހަރަކާތްތަކާއެކު ބޮޑު އީދަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ. މިއާއެކު މިއަހަރުގެ ބޮޑު އީދު އޭދަފުށީގައި ފާހަގަކުރެވިގެންދާނީ ވަރަށް ފޯރިގަދަ އަދި ކުލަގަދަ އީދެއްގެ ގޮތުގައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...