ހަށިހެޔޮ ރާއްޖެ ޕްރޮގްރާމު އޭދަފުށީގައި ފަށައިފި

ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިއޮންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ “ހަށިހެޔޮ ރާއްޖެ” ޕްރޮގްރާމްގެ ދެވަނަ ރީޖަންގެ ހަރަކާތްތައް ބ. އޭދަފުށީގައި ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މިނިސްޓަރު ޢަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސް ބޭފުޅުންނާއި އޭދަފުށީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރީޖަންގެ ހަރަކާތްތަކުގައި ބ. އަތޮޅުގެ އިތުރުން ރ. އަތޮޅާއި ނ. އަތޮޅު ހިމެނޭހެން ޖުމްލަ 60 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މީގެ ތެރޭގައި އެކި ރަށްރަށުގައި މަސައްކަތްކުރާ 17 ކުޅިވަރު ކައުންސިލަރުންވެސް ހިމެނެއެވެ. ޕްރޮގްރާމްގެ ފެށުން ފާހަގަކޮށްފައިވަނީ އޭދަފުށީގެ އަތިރިމަތީގައި ކުރިއަށްދިޔަ ފޯރިގަދަ މޫދު ކަސްރަތު ސެޝަނަކުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ތަފާތު ދާއިރާތަކުން މައުލޫމާތާއި ތަމްރީނު ދިނުމަށް ވަނީ ރޭވިފައެވެ. އެގޮތުން ފަންޑަމެންޓަލް އޮފް ފިޒިކަލް ޓްރޭނިންގ ސެޝަނަކާއި، ދުޅަހެޔޮ ކާނާއާ ގުޅޭ ނިއުޓްރިޝަން ސެޝަނެއްގެ އިތުރުން ޒުމްބާ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
“ހަށިހެޔޮ ރާއްޖެ” ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން، ކުޅިވަރު ވުޒާރާގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ހިންގާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ. ކުޅިވަރު ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ޒިންމާ އުފުލާނީ އެ ރަށެއްގައި ހުންނަވާ ސްޕޯޓްސް ކައުންސެލަރެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ބަލާނީ އެ ރަށަކަށް އެންމެ ބޭނުންތެރި އަދި މުހިންމު ހަރަކާތްތައް ހިންގުމަށެވެ. އަދި މި މަސައްކަތުގައި ރަށްރަށުގައި ހުރި ވަސީލަތްތަކާއި، އެ ރަށެއްގައި ތިބި ތަމްރީނުލިބިފައިވާ ފަންނީ މީހުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އިސްކަންދޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
