އޭދަފުށިން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި މިއަދު ހަވީރު ދިއްދޫއާ ދެކޮޅަށް

އުތުރު ލީގުގައި އޭދަފުށި ކުޅޭ ފަހު މެޗުގައި މިއަދު ހަވީރު ޗެމްޕިއަން ދިއްދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
މިއަދުގެ މެޗަކީ މުބާރާތުގައި މި ދެ ޓީމު ވެސް ކުޅޭ ފަހު މެޗެވެ. މިއަދުގެ މެޗަށް ނުކުންނައިރު ދިއްދޫން މިހާރު ވަނީ އުތުރު ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.
ދިއްދޫން ޗެމްޕިއަންކަން ހޯދީ ކުޅުނު ފަސް މެޗުން މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. އޭދަފުށިން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. ދެ ވަނައިގައި އޭދަފުށި އޮތީ 9 ޕޮއިންޓާ އެކު އެވެ.
ދިއްދޫ ދަނޑުގައި އޭދަފުއްޓާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-2 އިން ދިއްދޫ މޮޅުވެގެންނެވެ. އޭދަފުށި ދެން ބަލިވީ ހަނިމާދޫއާ ވާދަކޮށް ރަށުން ބޭރުގައި 1-2 އިންނެވެ.
އޭދަފުށިން ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި ހަނިމާދޫ އާއި މަނަދޫއާ ދެކޮޅަށް ކުޅުނު މެޗާއި ރަށުން ބޭރުގައި މަނަދޫއާ ދެކޮޅަށް ކުޅުނު މެޗެވެ.
މިފަހަރުގެ ލީގު ބުރުގައި އުތުރުގެ ޗެމްޕިއަންކަން ނުލިބުމުން އޭދަފުށި ދެން ވާދަކުރާނީ އަންނަ ސީޒަނުގެ ޒޯން ބުރުގަ އެވެ. ދިއްދޫ އަށް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ބުރުން ފުރުސަތު ލިބިފަ އެވެ.
އުތުރު ލީގުގެ ފަހު މެޗުގައި މާދަމާ ހަވީރު މަނަދޫ ދަނޑުގައި އެޓީމު ނުކުންނާނީ ހަނިމާދޫއާ ދެކޮޅަށެވެ.
އޭދަފުށި ސްޓޭޑިއަމްގައި ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
