ދިއްދުއާ އެއްވަރުވެ އުތުރުން އޭދަފުއްޓަށް ދެ ވަނަ

އޭދަފުށި ޓައިމްސްކުޅިވަރު

މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ހއ. ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެ އުތުރުގެ ދެ ވަނަ ޓީމުގެ ގޮތުގައި އޭދަފުށިން ލީގު ބުރު ނިންމާލައިފި އެވެ.

އޭދަފުއްޓާއި ދިއްދޫ ވާދަކުރި މެޗު ފެނުނީ ވަރަށް ވާދަވެރިކޮށް އަދި އެހާމެ ފޯރިގަދަކޮށެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ އޭދަފުށިންނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު މި ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަރީފް (ލުއްޑަ) އެވެ. ލުއްޑަ އަކީ މިފަހަރުގެ މުބާރާތުގައި އޭދަފުއްޓަށް އެންމެ މޮޅު ކުޅުމެއް ދައްކައިދިން އެއް ކުޅުންތެރިޔާ އެވެ.

ދިއްދޫން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގައި ކޯނަރަކުން އުފެއްދި ހަމަލާގަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ރަޝީދު އެވެ.

ދެ ވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނުނެވެ. އަދި ގިނަ ކާޑުތަކެއް ދެއްކި އެވެ. މިގޮތުން މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އޭދަފުށީގެ ބިދޭސީ ޑިފެންޑަރަށް ދެ ވަނަ ރީނދޫ ކާޑާ އެކު ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި މިއަދު ހަނިމާދޫން ވަނީ މަނަދޫ ދަނޑުގައި 3-2 އިން މޮޅުވެފަ އެވެ.

ލީގު ބުރުގެ އެއް ވަނަ އަދި ޗެމްޕިއަންކަން ދިއްދޫން ހޯދީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ލިބުނު އޭދަފުށި ނިންމާލީ 10 ޕޮއިންޓުގަ އެވެ. ހަނިމާދޫ އަށް ލިބުނީ 9 ޕޮއިންޓެވެ. ފުލަށް ދިޔައީ ހުރިހާ މެޗަކުން ބަލިވި މަނަދޫ އެވެ.

ޗެމްޕިއަންކަން ހޯދުމާ އެކު ދިއްދޫ ދެން ވާދަކުރާނީ މާލޭގައި އޮންނަ ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގަ އެވެ. އޭދަފުށި އަންނަ އަހަރު ވާދަކުރާނީ ޒޯން ބުރުގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...