ސިޓީތަކުގެ އަންހެނުންގެ ކޮމެޓީ ރައީސުންނަށް މަހަކު 41،000ރ. އަދި ރަށްރަށުގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000ރ. ދެނީ

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
މި ބަދަލަކީ އަންހެނުންގެ ކޮމެޓީތަކަކީ ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ގެނައި ބަދަލެކެވެ.
ޕޭ ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރަ 41,500 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މީގެ ކުރިން ސިޓީތަކުގެ ރައީސުންނަށް ލިބެމުން ދިޔައީ 7,000 ރުފިޔާއެވެ. އަލަށް ކަނޑައެޅި މުސާރައިގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ ގޮތުގައި 33,000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި ދޭ 8,500 ރުފިޔާއެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ 6,000 ރުފިޔާއިން 21,000 ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އެއީ މުސާރައިގެ ގޮތުގައި 16,500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 4,500 ރުފިޔާއެވެ. މިއީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންމެ ފުރަތަމަ ހުށަހެޅި އަދަދުތަކަށްވުރެ ވެސް ބޮޑު އަދަދުތަކެކެވެ.
ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށް އައި ބަދަލު
ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސިޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7,000 ރުފިޔާއަށް އަދި ރަށްރަށުގެ ނައިބު ރައީސުންގެ މުސާރަ 6,000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން ނައިބު ރައީސުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެޓީތަކުގެ އާންމު މެމްބަރުންގެ އަސާސީ މުސާރައަށް ބަދަލެއް ނުގެނައި ނަމަވެސް، އެ މެމްބަރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ޕޭ ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ބަދަލުތަކުގެ ތަފްސީލު މިހާރު ވަނީ އަންހެނުންގެ ކޮމެޓީތަކަށް އިންތިޚާބުވި ފަރާތްތަކާ ހިއްސާކޮށްފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
