ކިންގްސް ކަޕްގައި އޭދަފުށި ތަމްސީލުކުރާނީ އެއިޓީފޯ، ފުރަތަމަ މެޗު މިރޭ

މިއަހަރުގެ ކިންގްސް ކަޕްގައި އޭދަފުށި ތަމްސީލުކުރާ އެއިޓީފޯ އިން މުބާރާތުގެ ފުރަތަމަ މެޗު މިރޭ ކުޅޭނެ އެވެ.
ކްލަބް މޯލްޑިވްސް އިން އިންތިޒާމުކުރާ ޝަރަފްވެރި މުބާރާތުން އެއިޓީފޯ އަށް ފުރުސަތު ލިބުނީ އޭދަފުށި ފުޓްސަލް ކަޕްގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ.
އެއިޓީފޯ ވަނީ އެންމެ ފަހުން ބޭއްވި އޭދަފުށި ފުޓްސަލް ކަޕްގައި ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު ފައިނަލަށް ދަތުރުކޮށްފަ އެވެ. އެކަމަކު ފައިނަލުގައި އަފްރޯ ސްޕޯޓްސް ކްލަބާ ވާދަކޮށް ބަލިވީ އެވެ.
ކިންގްސް ކަޕްގައި މިއަހަރު 12 ޓީމު ވާދަކުރާނެ އެވެ.
އެއިޓީފޯ ހިމެނުނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އެމްޓީސީސީ އާއި އުތީމު އެފްސީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) އެވެ.
ފުރަތަމަ މެޗުގައި އެޗްޕީއެސްއެންއާ ދެކޮޅަށް އެއިޓީ ފޯ ކުޅޭ މެޗު ފަށާނީ މިރޭ 10:45 ގަ އެވެ.
ކިންގްސް ކަޕްގައި މިދިޔަ އަހަރު އޭދަފުށި ތަމްސީލުކުރީ ސީސީ ސްޕޯޓްސް ކްލަބެވެ. ސީސީ ވަނީ މުބާރާތުގެ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. ފައިނަލުގައި ބަލިވީ ވަރުގަދަ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުންނެވެ.
ކިންގްސް ކަޕަކީ ކްލަބް މޯލްޑިވްސް އިން މިއަހަރު ބާއްވާ ހަތް މުބާރާތުގެ ތެރެއިން ފުރަތަމަ މުބާރާތެވެ. އަދި އެންމެ މަޝްހޫރު ތަރިންނާއެކު އެންމެ ފޯރިގައި ކުރިއަށްދާ އެއް މުބާރާތަކީ ވެސް ކިންގްސް ކަޕެވެ.
އެއިޓީފޯގެ އެދުމަކީ މިރޭ އެޓީމު ކުޅޭ ފުރަތަމަ މެޗަށް އޭދަފުށީގެ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...