ވަފާގެ ސަގާފީ ކުޅިވަރުތަކާއެކު މިއަހަރުގެ އީދު އޭދަފުށީގައި ތަފާތުވާނެ!

ކުރިއަށް އޮތް އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބ. އޭދަފުށީގެ “ވަފާ ޖަމިއްޔާ” އިން ބާއްވާ ހަރަކާތްތަކުގެ ތާވަލު އާންމުކޮށްފިއެވެ.
މިފަހަރުގެ އީދު ހަރަކާތްތަކުން ފެނިގެންދާނެ އެންމެ ހާއްސަ އެއް ކަމަކީ ސަގާފީ ކުޅިވަރުތަކުގައި ޒުވާނުންގެ ބޮޑު ބައިވެރިވުމެއް ފެނިގެންދިއުމެވެ.
ފަސް ދުވަހުގެ މުއްދަތަކަށް އޭދަފުށީގައި ކުރިއަށްގެންދާ މި ހަރަކާތްތަކަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފޯރިގަދަ ހަރަކާތްތަކެކެވެ.
އީދު ފޯރި ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 21:00 ގައެވެ. ފުރަތަމަ ރޭގެ ހަރަކާތްތަކުގެ ތެރޭގައި އީދު ހުޅުޖެހުމާއި، އީދު ވެދުމާ ދިއުމުގެ އިތުރުން، ދިވެހި ސަގާފީ ސްޓޭޖް ޝޯތަކެއް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި މާފަތި ނެށުމާއި، ފަތިގަނޑު ނެށުމާއި، ކުރު ދަނޑި އަދި ބަނޑިޔާޖެހުން ހިމެނެއެވެ. އީދު ދުވަހުގެ ހަވީރު ބާއްވާ ސަގާފީ ހަވީރުގައި ފިރިހެނުންގެ ކޯޑި، ދަފި، މާފަތި ނެށުން އަދި ކުރުދަނޑި ޖެހުން ފަދަ ކުޅިވަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

އީދުގެ ދެވަނަ ދުވަހުގެ ހަރަކާތްތައް ހާއްސަކޮށްފައިވަނީ އަންހެނުންގެ ކޯޑި އަދި މާލި ނެރުމަށެވެ. އެ ދުވަހު ކޯޑި ކެނޑުމުގެ އިތުރުން އާއިލީ ގުޅުން ބަދަހިކުރުމަށާއި ކުޑަކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހަވީރުގެ ތެރޭގައި ބިރުވެރި ހޮހަޅަ އާއި ދެލިމާލި ނެރުމުގެ އިތުރުން އަންހެނުންގެ ކޯޑި ފަރިވަޅު އެރުވުން އޮންނާނެއެވެ.
އީދު ތިންވަނަ ދުވަހުގެ މެންދުރުކުރި ތިންމުގޯލި، ގޯނި ރޭސް ފަދަ ކުޅިވަރުތަކަށް ހާއްސަކޮށްފައިވާއިރު، ހަވީރު ބޮޑެތި މީހުންނަށް ހާއްސަ ބިރުވެރި ހޮހަޅައިގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި އެރޭ ތަރާނާ މިއުޒިކް ބޭންޑާއެކު ފިރިހެނުންގެ ޖާފަތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އީދު ތެރޭގައި ކޮންމެ ރެޔަކުހެން ފޯރިގަދަ ސްޓޭޖް ޝޯތަކާއި ވާދެމުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
މި ހުރިހާ ހަރަކާތްތަކެއް ނިންމާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު މާއްޑޫގައި ބާއްވާ ކޯޑި ފުރުވާ ދަތުރުންނެވެ.
ވަފާ ޖަމިއްޔާއިން ބުނީ މި ފަހަރުގެ އީދަކީ އާންމުންނަށް މަޖާ އަދި ހިތްގައިމު އަދި ތަފާތު އީދަކަށް ހެދުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
