ވަފާގެ ސަގާފީ ކުޅިވަރުތައް ފޯރިގަދަ ކޮށްލަން ދިއްގަރު ލަނގިރި

ކުރިއަށް އޮތް އަޟްލާ އީދުގެ ހަރަކާތްތައް ބ. އޭދަފުށީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ވަފާ ޖަމިއްޔާއިން ކުރަމުންދާ ތައްޔާރީތަކުގެ ތެރެއިން، މ. ދިއްގަރުގެ މަޝްހޫރު ލަނގިރި ގްރޫޕް ހުށަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ސަގާފީ ކުޅިވަރުގައި، ޚާއްޞަކޮށް ލަނގިރި ޖެހުމުގައި ރާއްޖޭގެ އެންމެ ކުރީގައި އުޅޭ ދިއްގަރު ޒުވާނުންގެ ޖަމިއްޔާގެ މި ގްރޫޕަކީ އެމީހުންގެ 100 ވަނަ ލަނގިރި ޝޯ ފުރިހަމަކޮށްފައިވާ ތަޖުރިބާކާރު ޓީމެކެވެ.
ވަފާ ޖަމިއްޔާއިން މައުލޫމާތުދޭ ގޮތުގައި، ސަގާފީ ގިނަ ހަރަކާތްތަކަކާ އެކު އޭދަފުށީގައި ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އީދު ހަރަކާތްތަކުގެ ތެރެއިން ބާއްވާ ދިއްގަރު ލަނގިރި ޝޯވ އޮންނާނީ އީދު ދެވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.

މިފަހަރުގެ އީދުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވާފާ ޖަމިއްޔާއިން ބޮޑު އިސްކަމެއް ދީފައިވާއިރު، ދިއްގަރުގެ ޒުވާނުންގެ ފަރާތުން ފެންނަ ނަމޫނާ ސަގާފީ ހަރަކާތްތަކަކީ އޭދަފުށީގެ އީދު އިތުރަށް ފުރިހަމަވެގެންދާނެ ކަމެކެވެ. މީގެ އިތުރުން އީދު ތެރޭގައި މާލި ނެރުމާއި، ކޯޑި ކެނޑުމާއި، ބިރުވެރި ހޮހަޅަ އަދި ކުޑަކުދިންގެ ހަވީރު ފަދަ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.
ވާފާ ޖަމިއްޔާއިން ބުނީ ދިއްގަރު ލަނގިރި ގްރޫޕާއެކު، މިއަހަރުގެ އީދަކީ އޭދަފުށީގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭނެ ފަދަ ހިތްގައިމ، ތަފާތު އީދަކަށް ވާނެ ކަމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
