ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

ބ. ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީކޮށް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް އިން މިއަދު ހުޅުވާލައިފި އެވެ.
އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ޖެހެ އެވެ. ބޭރުގެ ކުންފުންޏެއް ނަމަ ޓެކްސް ކްލިއަރެންސް ސެޓްފިކެޓް ހުށަހެޅުން ލާޒިމްކޮށްފައިވެ އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއެއް
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. މަސައްކަތް ފަށާ ތާރީޚުން ފެށިގެން 18 މަސްދުވަހުގެ ތެރޭގައި ޓާމިނަލްގެ މަސައްކަތް ނިންމަން ޖެހޭއިރު، ކޮންޓްރެކްޓަރުން ހޮވުމުގައި މީގެ ކުރިން މިފަދަ މަޝްރޫއުތައް ހިންގާފައިވާ ފަރާތްތަކަށާއި 50 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތައް ނިންމާފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަން ނިންމީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، މިހާރު ހުރި ޓާމިނަލަށް ބާރުބޮޑުވަމުންދާތީ އެވެ. މި މަޝްރޫއުގެ ދަށުން މިހާރު ހުރި ޓާމިނަލް ބޮޑުކުރުމުގެ އިތުރުން، އާ ލައުންޖް އިމާރާތެއް އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.
ހިދުމަތަށް ބުރޫނާރާނެހެން މަސައްކަތް ކުރިއަށް ގެންދިއުން
އައިލެންޑް އޭވިއޭޝަނުން ފާހަގަކުރި ގޮތުގައި، އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ އެއާޕޯޓުން މިހާރު ދެމުންދާ ހިދުމަތްތަކަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތެއްގެ މަތިންނެވެ. އެހެންކަމުން، މަސައްކަތް ކުރިއަށްދާއިރު ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ޕްލޭނެއް ކޮންޓްރެކްޓަރުން ހުށަހަޅަން ޖެހޭނެ އެވެ.
2012 ވަނަ އަހަރު ހުޅުވި ދަރަވަންދޫ އެއާޕޯޓަކީ ބ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ދާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު އެއާޕޯޓެކެވެ. މިހާރު ވެސް އެ އެއާޕޯޓަށް ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓަށް ވުރެ ގިނައިން އޮޕަރޭޓް ކުރެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...