ޖޫނިއަރ އޯޕަންގައި އޭދަފުށީ އެކަޑަމީން 52 މެޑަލް ހޯދައިފި

އޭދަފުށީގައި ކުރިއަށްދިޔަ “ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއަރ އޯޕަން 2026” ގައި މޮޅު ކުޅުމެއް ދައްކައި، ރިވައިވަލް ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީން ޖުމްލަ 52 މެޑަލް ހޯދައި ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
150 ކުޅުންތެރިންނާއެކު ގިނަ އުމުރުފުރާތަކެއް ހިމެނޭގޮތަށް ކުރިއަށްދިޔަ މި މުބާރާތުގައި އެ އެކަޑަމީން ވަނީ 12 ރަން މެޑަލް، 11 ރިހި މެޑަލް އަދި 29 ލޯ މެޑަލް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗުތަކަށް ބަލާއިރު، 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން އަޙްމަދު އަޙްނަފް މުޙައްމަދު އަފްލާޙް އަދި މުޙައްމަދު އަލޫފް ރިފާޢު ހޯދީ އިސްމާޢީލް ޝައިޚޫން ބިން ޙުސައިން އާއި އިޒްޔާން ޢަބްދުﷲ ސަޢީދާ ވާދަކޮށް 15-13 އަދި 15-10 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

17 އަހަރުން ދަށުގެ އަންހެން ޑަބަލްސްގެ ތާޖު އަޒްކާ ރިޟްވާން އަދި ޙައްވާ ނައުރީން މުޙައްމަދު ހޯދީ ޢާއިޝަތު ރައިޝާ ޒާކިރު އާއި ލާރާ މުޙައްމަދު ލަތީފްގެ މައްޗަށް 15-9 އަދި 15-13 އިން ކުރިހޯދައިގެންނެވެ. 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ފައިނަލްގައި ރާއިދު ހާނީސް މޫސާ އާއި ޔޫސުފް ޒައުލް ޒަޢީމް ބަލިކޮށް ޗެމްޕިއަންކަން ހޯދީ އައުފް ބިން ފަޒްލޫން އަދި ރިޝާމް ޢަބްދުލްފައްތާޙް އެވެ. އެއީ 15-2 އަދި 15-9 ގެ ނަތީޖާއަކުންނެވެ.
ސިންގަލްސް އިވެންޓްތަކުގައި ވެސް އެކަޑަމީގެ ކުޅުންތެރިން ވަނީ ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ފައިނަލްގައި ޔޫސުފް އީތާން ބިން ޝިފާޒް ބަލިކޮށް ރިޝާމް ރަން މެޑަލް ހޯދިއިރު، އެ އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަޝްނާ ބިންތި ޢަބްދުﷲ ރަޝީދު ބަލިކުރުމަށްފަހު އަޒްކާއެވެ. އަދި 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ފައިނަލުގައި އައުފް ބިން ފަޒްލޫން ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ޢަބްދުﷲ ނައުހާން ބިން މުޙައްމަދު ނަޝީދު އެވެ.

މީގެ އިތުރުންވެސް ގިނަ ކެޓަގަރީތަކަކުން އެކަޑަމީގެ ކުދިން ވަނީ އެއްވަނަ ހޯދާފައެވެ.
އޭގެ ތެރޭގައި ޢާއިޝަތު ސަޖާ އިބްރާހީމް އާއި އަޝްނާ ބިންތި ޢަބްދުﷲ ރަޝީދު ހޯދި 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ތަށީގެ އިތުރުން، އީލާފް މުޙައްމަދު އިކްރާމް އާއި ޔޫސުފް އީތާން ބިން ޝިފާޒް ވަނީ 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ކާމިޔާބުކޮށްފައެވެ.
13 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޔޫސުފް އަލަފް އާއި ޔޫސުފް ލުޔޫން އިސްމާޢީލް ޝިރުހާން ހޯދިއިރު، އެ އުމުރުފުރާގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ލުޔޫން އެވެ. އަދި 11 އަހަރުން ދަށުގެ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ޢާއިޝަތު ޔޫދު ބިންތި ޢަލީ ރަޝީދު އާއި އިލްވާ ޢަބްދުﷲ ޒަޢީމް ހޯދިއިރު، 11 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޔޫސުފް އަލަފް އެވެ.
އޭދަފުށީގައި ނިމިގެންދިޔަ މި މުބާރާތުގައި ރިވައިވަލް ސްޕޯޓްސް އަދި އޭދަފުށީ ބެޑްމިންޓަން އެކަޑަމީގެ ފަރާތުން ފެނިގެންދިޔަ ކާމިޔާބީތަކަކީ، ރާއްޖޭގެ ބެޑްމިންޓަންގައި ޒުވާން ކުޅުންތެރިން ބިނާކުރުމަށް ރޭވިގެން ހިންގޭ ޕްރޮގްރާމްތަކުގެ ފައިދާ ފެންނަމުންދާ ކަމުގެ ހެއްކެއްކަމަށް ރިވައިވަލް ސްޕޯޓްސް ފާހަގަކުރެއެވެ. ޚާއްޞަކޮށް މާލެ ސަރަޙައްދުން ބޭރުގައި ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުން، ރާއްޖޭގެ ބެޑްމިންޓަންގެ މުސްތަޤުބަލު އޮތީ ވަރަށް އުޖާލާކޮށްކަން މި މުބާރާތުން އިތުރަށް ސާބިތުކޮށްދީފިއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
