އެއިޓީފޯގެ ދެ ވަނަ މެޗުގައި ވަރުގަދަ އެމްޓީސީސީ އަތުން ބަލިވެއްޖެ

އޭދަފުށި ޓައިމްސްކުޅިވަރު
އެއިޓީފޯގެ ފުރަތަމަ މެޗުގައި މުޑާ ބޯޅަ ހިފައިގެން. ރޭ ވަނީ އެމްޓީސީސީ އަތުން ބަލިވެފަ. ފޮޓޯ: ކްލަބް މޯލްޑިވްސް

މިހާރު ކުރިއަށްދާ ކިންގްސް ކަޕް މުބާރާތުގައި އޭދަފުށީގައި އެއިޓީފޯ އެފްސީ ކުޅުނު ދެ ވަނަ މެޗުގައި ރޭ އެމްޓީސީސީއާ ވާދަކޮށް 0-2 އިން ބަލިވެއްޖެ އެވެ.

ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި އެމްޓީސީސީން ވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. ދެ ވަނަ ހާފުގައި އެޓީމުގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލް ވަޖީހް (ވައްޖެ) އެވެ.

ރޭގެ މެޗުގައި އެމްޓީސީސީގެ ހަމަލާތައް އުފެއްދުމުގައި އެއިޓީފޯގެ ގޯލްކީޕަރު އަބްދުﷲ ނާސިހު މޮޅު ކުޅުމެއް ދެއްކި އެވެ. ހުސް ތަރިން ހިމެނޭ އެމްޓީސީސީ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ނާސިހު މަތަކުރި އެވެ.

އެއިޓީފޯއިން ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ތަނަވަސްކޮށްފަ އެވެ. އެކަމަކު ގޯލު ކާމިޔާބު ނުކުރެވުނީ އެވެ. މެޗަށް އެއިޓީފޯ ނުކުތީ އެޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ނުލަ އެވެ.

މުބާރާތުގައި އެއިޓީފޯ ކުޅުނު ފުރަތަމަ މެޗުގައި އެޗްޕީއެސްއެންއާ ވާދަކޮށް ވަނީ 6-2 އިން މޮޅުވެފަ އެވެ.

އެއިޓީފޯ ހިމެނޭ ގްރޫޕް އޭގައި 6 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ އެމްޓީސީސީ އެވެ. އެއިޓީފޯ އޮތީ ތިން ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އުތީމު އެފްސީ އާއި އެޗްޕީއެސްއެން ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ.

ގްރޫޕް ސްޓޭޖުގައި އެއިޓީފޯ ކުޅޭ ފަހު މެޗުގައި ޖޫން މަހުގެ ހަ ވަނަ ދުވަހު ނުކުންނާނީ އުތީމު އެފްސީއާ ދެކޮޅަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...