ޑައިމަންޑް ޖުބިލީ މުބާރާތުގައި ޤައުމީ ޓީމު ލީޑުކުރުމުގެ ޒިންމާ ހަމްޕް އަށް

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި، ދިވެހި ޤައުމީ ޓީމު ދަނޑުމަތީގައި ލީޑުކުރުމުގެ މުހިންމު ޒިންމާ އިތުބާރު ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އާ ހަވާލުކޮށްފިއެވެ.
ރާއްޖެއިން މި މުބާރާތާ ކުރިމަތިލަނީ ޓީމުގެ ކުރީގެ ކެޕްޓަން، ތަޖުރިބާކާރު ޑިފެންޑަރު ސަމޫޙު އަލީ (ސަމުއްޓޭ) އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ސްކޮޑުގައި ނުހިމެނިއެވެ.
މުބާރާތުގެ ކުރިން ބޭއްވި ރަސްމީ ނޫސްވެރިންގެ ބައްދަލުވުމުގައި ޤައުމީ ކޯޗު އިސްޓަވާން އުރުބާނީއާއެކު ބައިވެރިވީ ހަމްޕް އެވެ. ކޯޗު އުރުބާނީ ހާމަކުރި ގޮތުގައި، ހަމްޕް އަކީ ދަނޑުމަތީގައި ޓީމު ލީޑުކުރާނެ ކުޅުންތެރިޔާއެވެ. ނަމަވެސް، މިއީ އޭނާގެ ކިބައިގައި އެ ޤާބިލުކަން ހުރި މިންވަރު ބަލާނެ އިމްތިހާނެއް ކަމަށް ކޯޗު ފާހަގަކުރިއެވެ.
ކޯޗު އުރުބާނީ ބުނި ގޮތުގައި ހަމްޕް މަސައްކަތްކުރާނީދަނޑުމަތީގައިޓީމުގެލީޑަރެއްގެގޮތުގައި ކަމަށާއި އޭނާގެހުނަރުވެރިކަމާއި ކުރާމަސައްކަތުން އެކަންކުރުމުގެޤާބިލުކަންހުރިކަން ސާބިތުވާ ކަމަށެވެ.

“ރަނގަޅު. ހަމްޒާ މަސައްކަތްކުރާނީ ދަނޑުމަތީގައި ޓީމުގެ ލީޑަރެއްގެ ގޮތުގައި. އޭގެ މާނައެއް ނޫން އެއީ ހަމްޒާ އަކީ މިހާރު ޤައުމީ ކެޕްޓަން އެކޭ. ކެޕްޓަން ކަމަކީ ވަރަށް މަސައްކަތްކޮށްގެން ހައްގުވާ ޝަރަފެއް. ހަމްޒާގެ ހުނަރުވެރިކަމާއި އޭނާ ކުރާ މަސައްކަތުން ސާބިތުވޭ އޭނަ ގައިގައި އެކަން ކުރުމުގެ ޤާބިލުކަން ހުރިކަން. އޭނައަށް ހައްގު ކަމެއްކަން އެއީ. މާދަމާގެ މެޗުގައި އަހަރެން ބަލަން ބޭނުންވަނީ އެވަރުގެ ލީޑަރަކަށް އޭނާއަށް ވެވިދާނެތޯ. މިއީ ޕްރެޝަރެއްގެ ގޮތުގައި އޭނާ ނަގައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅު. ހަމްޒާ އަކީ އެ ޕްރެޝަރު ހޭންޑަލް ކުރަން އެނގޭހާ މޮޅު ކުޅުންތެރިއެއް”. ކޯޗު އުރުބާނީ ބުންޏެވެ.
ޤައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން އަމިއްލަ ފަސްގަނޑުގައި ކުޅެން ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށް ހަމްޒާ ބުންޏެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް ކެޕްޓަނެކެވެ.
“ޝަރަފެއް މިއީ. އެކަމަކު، އެޔަކަށް ނޫން ބަލަންވީއެއް. ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ކެޕްޓަނެއްކަމަށް ބަލައިގެން އެންމެނަށް ވެސް އެކަން ވިސްނައިދީފައި މިހާރު ހުންނާނީ. އެހެންވީމަ ކޮންމެ ކުޅުންތެރިއަކީ ވެސް ކެޕްޓަނެއް”. ހަމްޒާ ބުންޏެވެ.
މި މުބާރާތަށް އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ގެ އިތުރުން އަލީ ފާސިރު (ސެންޓޭ) އާއި އަމްދާން އަލީ (އޭންޑީ) ފަދަ ކުޅުންތެރިން ހިމެނެއެވެ. އަދި ޒުވާން ކުޅުންތެރިންގެ ތެރެއިން ޒުވާން ޤައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ވެސް ވަނީ ސްކޮޑުން ފުރުސަތު ހޯދާފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން މާދަމާރޭ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
