މަޖިލީހުގެ ނައިބުރައީސް ކަމަށް އޭދަފުށީގެ މެންބަރު ސަލީމް އިންތިހާބުކުރައްވައިފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުގެ މަޤާމަށް އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް އިންތިހާބުކުރައްވައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ސަލީމް އިންތިހާބުކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ޕީއެންސީގެ ފަރާތުން ސަލީމްގެ ނަންފުޅު ހުށަހެޅުއްވިއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ނައިބުރައީސްކަމުގެ މަގާމަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަންފުޅެވެ.
ނައިބުރައީސްކަމުގެ ވޯޓުގައި ސަލީމަށް 62 ވޯޓު ލިބިވަޑައިގަތެވެ. ޒިޔާދުއަށް 10 ވޯޓު ލިބިވަޑައިގަތްއިރު ބާތިލްވެފައިވަނީ ދެ ވޯޓެވެ.
މަޖިލީހުގެ ނައިބުރައީސްކަމުގެ ވޯޓުނެގުން ކުރިއަށްގެންދިޔައީ މެންބަރުން ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުންނެވެ. މިގޮތުން ފަސް މެންބަރުންގެ ކޮމިޓީއެއް ވޯޓުގެ ކަންކަމަށް އެކުލަވާލެއްވިއެވެ. ކޮމިޓީގައި ހިމެނިވަޑައިގަތީ، މެންބަރު ހުސްނީ މުބާރިކާއި މެންބަރު އަހްމަދު ޒަމީރާއި، މެންބަރު ޑރ.އަނާރާ ނައީމާއި، މެންބަރު އިބްރާހީމް ނާޒިލު އަދި އަމިއްލަ މެންބަރެއްގެ ގޮތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނެވެ.
މަޖިލީހުގެ ނައިބުރައީސްކަމުގެ މަޤާމް ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ނާޒިމް މަގާމުން އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.
އޭދަފުށީ ދާއިރާގެ މެންބަރު ސަލީމަކީ 17 ވަނަ މަޖިލީހުން ފެށިގެން ގޮނޑި ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިއީ އޭދަފުށީ ދާއިރާގެ ގޮނޑި ސަލީމް ތަމްސީލްކުރައްވާ ހަތަރު ވަނަ ދައުރެވެ. ސަލީމް ހިމެނިވަޑައިގަންނަވަނީ މިވަގުތު މަޖިލީހުގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
