ގައުމީ ގުރުއާން މުބާރާތުގެ އޭދަފުށި އޮޑިޝަން އަންނަ ހަފްތާ ބާއްވަނީ

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޭދަފުށީގެ އޮޑިޝަން ބުރު އަންނަ ހަފްތާ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
އޮޑިޝަން ބުރުގައި މުޅި ރާއްޖޭން 3050 މީހަކު ވަނީ ބައިވެރިވެފަ އެވެ. އޮޑިޝަން ބުރުތައް ބާއްވާ ބައެއް ސިޓީތަކާއި ހޮވާލެވިފައިވާ ރަށްތަކުގަ އެވެ. މިގޮތުން ބ. އަތޮޅު ހިމެނޭ ސަރަހައްދުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޭދަފުށީގައެވެ.
އޭދަފުށީގައި އޮޑިޝަން އޮންނާނީ ޖޫން 12 އިން 13 އަށެވެ. އެ ދެ ދުވަހު އޭދަފުށީގެ އިތުރުން އުނގޫފާރު، ނައިފަރު، ރަސްދޫ އަދި މަހިބަދޫގައި ވެސް އޮޑިޝަން ކުރިއަށްދާނެ އެވެ.
އޮޑިޝަންގެ ދެ ވަނަ ބުރު ކުރިއަށްދާނީ ޖޫން 19 އަދި 20 ވަނަ ދުވަހު އެވެ. މި ބުރުގެ އޮޑިޝަންތައް ކުރިއަށްގެންދަނީ ފެލިދޫ، މުލި، ނިލަންދޫ، ކުޑަހުވަދޫ އަދި ވޭމަންޑޫގަ އެވެ.
ޖޫން 26 އަދި 27 ވަނަ ދުވަހު އޮޑިޝަން ކުރިއަށްދާނީ ފޮނަދޫ، ވިލިނގިލި، އައްޑޫ މީދޫ، އައްޑޫ ސިޓީ، ތިނަދޫ ސިޓީ އަދި ފުވައްމުލައް ސިޓީގަ އެވެ.
މާލޭ ސިޓީގެ އޮޑިޝަން ކުރިއަށްގެންދާނީ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. މިގޮތުން ޖުލައި ތިނެއް އަދި ހަތަރު ވަނަ ދުވަހު އޮޑިޝަން ހާއްސަކޮށްފައިވަނީ މާލެ އަތޮޅު ރަށްތަކަށެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ އޮޑިޝަން މާލޭގައި އޮންނާނީ ޖުލައި ފަހަކުން 11 އަށެވެ.
މިއަހަރުގެ ގައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހަށެވެ. މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 11 އިން 19 އަށެވެ. މި ބުރުތައް ކުރިއަށްދާނީ މާލޭގަ އެވެ.
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން މި އަހަރުން ފެށިގެން އެއް ވަނަ ހޯދާ ދަރިވަރުންނަށް، އެ މީހުން ބޭނުން ގައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ގޮތަށް ރައީސްގެ ހާއްސަ ސްކޮލަޝިޕެއް ދޭން ވަނީ ނިންމައިފަ އެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އާއްމުކުރެއްވި މީސްމީޑިއާ ޕޯސްޓެއްގަ އެވެ.
މިދިޔަ އަހަރުގެ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި 119 ތަނަކުން 1،037 މީހުން ވަނީ ބައިވެރިވެފަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
