މާޅޮހު ޕޮލިސް ސްޓޭޝަނުގެ އާ އިމާރާތް ހުޅުވައިފި

އޭދަފުށި ޓައިމްސްޚަބަރު

ބ. މާޅޮހުގައި އަލަށް އިމާރާތް ކުރި ޕޮލިސް ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

Advertisement

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އެވެ. މިނިސްޓަރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުގެ އިތުރުން ރަށުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ގާތްގަނޑަކަށް 775 މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގެ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ޖުމްލަ 2.04 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި، ވަޔަރިންގ، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އިތުރުން ފުރާޅާއި ސީލިންގް އަދި ދޮރުތައް ހަރުކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މީގެ އިތުރުން އިމާރާތުގެ ވަށާފާރު ރޭނުމާއި ކުލަލުމުގެ ހުރިހާ މަސައްކަތެއްވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މާޅޮހުގައި ފުލުހުން ގާއިމުވެ ހިދުމަތް ދޭން ފަށާފައިވަނީ 2024 ޖަނަވަރީ 27 ވަނަ ދުވަހުއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...