ހަތަރު މަހުގެ މުސާރައާއެކު ފެނަކައިގެ ވަޒީފާއިން ވަކިވާން ބޭނުން މުވައްޒަފުންނަށް ފުރުސަތު ދީފި

އޭދަފުށި ޓައިމްސްޚަބަރު

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.

Advertisement

މިކަމާ ގުޅޭގޮތުން އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކަށް މިހާރު ވަނީ މެމޯއެއް ފޮނުވާފައެވެ.

އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި ފޮނުއްވި މެމޯގައިވާ ގޮތުން، މުވައްޒަފުން އެދިގެން އަދާކުރަމުން އަންނަ ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލީ ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ކުރަމުންދާ އިސްލާހީ މަސައްކަތުގެ ދަށުންނެވެ. މިގޮތަށް އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް އިނާޔަތެއްގެ ގޮތުގައި ހަތަރު މަހުގެ މުސާރަ ދިނުމަށް ވަނީ ނިންމާފައެވެ.

މި ފުރުސަތަށް އެދުމުގެ މުއްދަތު މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ 15:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް އެދި ހުށަހަޅަންޖެހެނީ ފެނަކައިގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށެވެ.

ފެނަކައަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް ވީނަމަވެސް، އެ ކުންފުންޏަކީ މިހާރު ބޮޑު ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެކެވެ. ފާއިތުވި އަހަރުތަކުގައި އެ ކުންފުންޏަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު، ހާއްސަކޮށް އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މައްސަލަ ބޮޑު އެއް ކުންފުނީގެ ގޮތުގައި ފާހަގަކުރެވޭ ފެނަކައިގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ފެނަކައިން ހިދުމަތް ދެމުންދިޔަ ބައެއް ރަށްރަށުގެ އިންޖީނުގެތަކާ ސްޓެލްކޯއިން ދާދިފަހުން ވަނީ ހަވާލުވެފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...