ގޮއިދޫ ތިން އެތުލީޓުންގެ ފްރީސްޓައިލް ފައިނަލް ހަންޓޭ ކާމިޔާބުކޮށްފި

ކ. ދިއްފުށީގައި އިއްޔެ ނިމިގެންދިޔަ ރާރާ ޕްރޯ 2026 ގެ ފްރީސްޓައިލް އިވެންޓްގެ ފައިނަލް ކާމިޔާބުކޮށް، އެ ކެޓަގަރީގެ ފުރަތަމަ ޗެމްޕިއަންކަން ބ. ގޮއިދޫގެ ކަލްސަސް ޓީމަށް ނިސްބަތްވާ ހަސަން މާހިރު (ހަންޓޭ) ހޯދައިފިއެވެ.
މިއީ ރާރާ ޕްރޯ މުބާރާތުގައި ފްރީސްޓައިލް ޑިވިޝަން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
އިއްޔެ މެންދުރުފަހު ކުރިއަށްދިޔަ ފްރީސްޓައިލް ފައިނަލް ހީޓުގައި ވާދަކުރީ މުޅިންވެސް ގޮއިދޫގެ އެތުލީޓުންނެވެ. އެއީ ހަންޓޭގެ އިތުރުން މުހައްމަދު ރާއިފް ޝަނީޒް (ރާއިއްޕެ) އާއި މަމްނޫން ނިޔާޒް (މަންނު) އެވެ. މި ފޯރިގަދަ ފައިނަލް ހަންޓޭ ކާމިޔާބުކުރީ ޖުމުލަ 19.17 ގެ ސްކޯއަކުންނެވެ.

ފައިނަލް ހީޓުގެ ބޮޑުބައިގައި ރާއިއްޕެ ކުރީގައި އޮތް ނަމަވެސް، ހަންޓޭ ކުރި ހޯދީ އެންމެ ފަހު ވަގުތު ދެއްކި ހުނަރުވެރި ޓްރިކުންނެވެ. ރާއިއްޕެއަށް 14.80 ގެ ސްކޯއެއް ލިބުނުއިރު، މަންނު ވަނީ 13.00 ގެ ސްކޯއެއް ހޯދާފައެވެ. މިއީ ހަންޓޭ ރާރާ ޕްރޯގެ ތާރީޚުގައި ހޯދި ދެވަނަ ޗެމްޕިއަންކަމެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ރޭސިން އިވެންޓުންވެސް އެއްވަނަ ހޯދާފައެވެ.
ހަންޓޭ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި އޭޝިއާގެ އެންމެ ވަރުގަދަ އެއް ރައިޑަރު ކަމަށްވާ ނަރަޕިޗިޓް ޕުޑްލާ (ޔޯ) ބަލިކުރުމަށްފަހުގައެވެ. މިއަހަރުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ދިއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...