އޭދަފުށީގެ އެއިޓީފޯ ކިންގްސް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

އޭދަފުށި ޓައިމްސްކުޅިވަރު
އެއިޓީފޯ އާއި އުތީމު ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ ކިންގްސް ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގައެއް އޭދަފުށީގެ އެއިޓީފޯ އިން ހޯދައިފި އެވެ. 

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެއިޓީފޯ މިރޭ، އުތީމު އެފްސީއާ ވާދަކުރި މެޗުން ވަނީ 3-1 އިން ބަލިވެފަ އެވެ. މެޗުގައި އެއިޓީފޯގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހުސާމް އެވެ. 

މެޗުން ބަލިވިޔަސް، ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނި އެއިޓީފޯ އަށް ވަނީ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވެފަ އެވެ. 

އެއިޓީފޯ ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދީ ތިން މެޗުން ވެސް މޮޅުވި އެމްޓީސީސީ އެވެ. އެޓީމު ވަނީ މިރޭ ކުޅުނު މެޗުގައި އެޗްޕީއެސްއެން 5-0 އިން ބަލިކޮށްފަ އެވެ. 

ދެ ވަނަ ލިބުނީ 6 ޕޮއިންޓް ހޯދި އުތީމަށެވެ. އެއިޓީފޯ އަށް ތިން ވަނަ ލިބުނީ 3 ޕޮއިންޓާ އެކު އެވެ. އެ ގްރޫޕުގެ ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި އެޗްޕީއެސްއެން އެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލުގައި އެއިޓީފޯ ނުކުންނާނީ އެމްޓީސީސީއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި އެމްޓީސީސީއާ ވާދަކޮށް އެއިޓީފޯ ވަނީ 2-0 އިން ބަލިވެފަ އެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ރެ އެވެ. އެމްޓީސީސީއާ ދެކޮޅަށް އެއިޓީފޯ ކުޅޭ ކުއާޓާ ފައިނަލް މެޗު ފަށާނީ އެރޭ 8:30 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...