ބީއެމްއެލްގެ މާލީ ދުޅަހެޔޮކަން ބަލައިގަނެ، ފިޗުން އެ ބޭންކަށް ކްރެޑިޓް ރޭޓިންއެއް ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ ވަރުގަދަކަމާއި މާކެޓުގައި އޮތް އިސް މަގާމާއި ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން އެ ބޭންކަށް ކްރެޑިޓް ރޭޓިންއެއް ދީފި އެވެ.
ފިޗުން “ބީއެމްއެލްގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިން” ކަނޑައެޅީ “ސީސީސީ” ގަ އެވެ. އެ ބޭންކުގެ އައުޓްލުކް ވަނީ “ސްޓޭބަލް” ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ހާލަތެއްގަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު ‘ސީސީސީ+’ ގައި ކަނޑައަޅާފައިވާއިރު، މިއީ ދައުލަތުގެ ސޮވަރިން ރޭޓިން އަށް ވުރެ ދެ ދަރަޖަ މަތީ ރޭޓިންއެކެވެ.
ބީއެމްއެލް އިން މިއަދު ބުނީ، އެ ބޭންކަށް ދިން ފިޗް ރޭޓިން އިން އެނގެނީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު އެ ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަކަން ކަމަށެވެ.
ފިޗްގެ މި ވަޒަންކުރުމުގައި، ދިވެހިރާއްޖޭގެ ބޭންކިންގ ދާއިރާގައި ބޭންކް އޮފް މޯލްޑިވްސްއަށް އޮތް އިތުބާރާއި، މާކެޓުގައި އެ ބޭންކުން އަދާކުރާ އިސް ދައުރާއި، ލިބިފައިވާ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ އެ ބޭންކުގެ ފުޅާ ނެޓްވޯކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް މެދުވެރިކޮށް، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކުންފުނިތަކަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ބޭންކުގެ މާކެޓް ލީޑަޝިޕާއި މަސައްކަތުގެ ފުޅާމިނަކީ އެހެން ބޭންކުތަކާ އަޅާބަލާއިރު ލިބިފައިވާ ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ބޭންކުގެ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓުމަށް މަގުފަހިވާ މުހިންމު ސަބަބެއް ކަމަށް ފިޗް އިން ފާހަގަކުރެއެވެ.
މި ރޭޓިންގް ދީފައިވަނީ 3 ޖޫން 2026 ގައި ދިވެހި ދައުލަތުގެ ސޮވަރިންގ ލޯންގް-ޓާމް ފޮރިން ކަރަންސީ ރޭޓިންގް ‘CCC-‘ އަށް މަތިކުރުމާ ގުޅިގެންނެވެ. މީގެ އެންމެ މުހިންމު ސަބަބަކީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހު 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވުމެވެ. މީގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގެނެވުނު މުހިންމު އިސްލާހުތަކާއި، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށުމަކީ ވެސް މި ރޭޓިންގް މަތިކުރުމަށް މަގުފަހިވި މުހިންމު ސަބަބުތަކެކެވެ. އާންމު އުސޫލުން ދައުލަތުގެ ރޭޓިންގްއަށްވުރެ މަތީ ރޭޓިންގްއެއް އެ ގައުމެއްގެ މާލީ އިދާރާތަކަށް ނުލިބޭތީ، ބީއެމްއެލްގެ މާލީ ހާލަތު ވަރުގަދަ ނަމަވެސް، ބޭންކުގެ ރޭޓިންގް ބިނާވެފައިވަނީ ދައުލަތުގެ ރޭޓިންގްގެ މައްޗަށެވެ.
ބޭންކުގެ ރޭޓިންގް ވަރުގަދަވުމުގެ މުހިންމު އެއް ސަބަބެއްގެ ގޮތުގަ ފިޗް އިން ފާހަގަކޮށްފައިވަނީ ބޭންކުގެ ރަނގަޅު ކެޕިޓަލް މިންވަރެވެ. ބޭންކުން ހޯދާ އާމްދަނީން ކެޕިޓަލް ވަރުގަދަކުރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް އުސޫލުތަކުގެ އިތުރުން، ޑިވިޑެންޑް ބެހުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ސަބަބުން، އިގްތިސާދީ ކުރިއެރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ފައިނޭންސް ފޯރުކޮށްދެމުންވެސް ބޭންކުގެ ރިޒާވް ވަރުގަދަކޮށް ބެލެހެއްޓިފައިވާ ކަމަށް ފިޗް އިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ބޭންކުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް ފިޗް އިން ރިއާޔަތްކޮށްފައިވެއެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތަދުކަމުގެ ސަބަބުން ބޭންކިންގ ދާއިރާގެ ފަންޑިންގ އަދި ލިކުއިޑިޓީއަށް ބާރުބޮޑުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މިފަދަ ގޮންޖެހުންތަކާއެކުވެސް ބީއެމްއެލްގެ ވަރުގަދަ ޑިޕޮސިޓް ބޭސްއާއި ހަރުދަނާ ލިކުއިޑިޓީ މެނޭޖްމަންޓުގެ ސަބަބުން ބޭންކުން އަންނަނީ ހަރުދަނާކަމާއެކު މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމުގައާއި، އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވުމުގައި ބީއެމްއެލް އިން އަދާކުރަނީ މުހިންމު ދައުރެކެވެ.
ފިޗް އިން އިތުރަށް ފާހަގަކުރި ގޮތުގައި ބީއެމްއެލްގެ ލޯނުތައް ބޮޑަށް އަމާޒުވެފައިވަނީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. ކުޑަ އިގްތިސާދެއްގައި މިފަދަ ކޮންސެންޓްރޭޝަނެއް ހުރުމަކީ އާންމު ކަމަކަށްވެފައި، ބޭންކުގެ ތަޖުރިބާއާއި ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން މިކަންކަން ހަރުދަނާކަމާއެކު މެނޭޖްކުރެވޭ ކަމަށް ފިޗް އިން ގަބޫލުކުރެއެވެ.
މި ރޭޓިންގްއާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ފިޗް ރޭޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސްގެ ރޭޓިންގް އާންމުކުރުމަކީ އލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ
“މިއިން ހާމަވަނީ ބޭންކުގެ މާލީ ބިންގާ ވަރުގަދަކަމާއި، މާކެޓުގައި އަޅުގަނޑުމެންގެ ލީޑަރޝިޕް އަދި ހަރުދަނާ މާލީ ނަތީޖާއެއް ނެރެމުންދާކަން. މި ވަޒަންކުރުމަކީ ބޭންކުގެ އަމިއްލަ ގާބިލުކަމުގައި ކެޕިޓަލް އުފެއްދުމުގެ ބާރާއި، ހަރުދަނާ ކުރިއެރުމެއް ހޯދުމަށް ކުރާ މަސައްކަތުގެ ހެއްކެއް. ހާއްސަކޮށް، ކުޑަ ޖަޒީރާ ގައުމެއްގައި އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް އަޅުގަނޑުމެން ދަމަހައްޓަމުންދާ ސާބިތުކަން މިއިން ދޭހަކޮށްދޭ. ރާއްޖޭގެ އެންމެ މުހިންމު މާލީ އިދާރާގެ ހައިސިއްޔަތުން، އަޅުގަނޑުމެން ދެމިތިބޭނީ ކަސްޓަމަރުންނަށް އެހީތެރިވެ، ގައުމީ އިގްތިސާދީ ތަރައްގީއަށް އެއްބާރުލުންދީ، މާލީ ގޮތުން އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމުގައި.”
ޖުމްލަގޮތެއްގައި، ފިޗްގެ މި ރޭޓިންގްތަކުން ފެނިގެންދަނީ ބޭންކުގެ އަމިއްލަ މާލީ ހާލަތު ރަނގަޅުކަމާއި، މާކެޓުގައި އޮތް ވަރުގަދަ މަގާމެވެ. ބޭންކުގެ މާލީ ގާބިލުކަން ހުރި ނަމަވެސް، ރާއްޖޭގެ ހުރިހާ މާލީ އިދާރާތަކެކޭވެސް އެއްފަދައިން، ކްރެޑިޓް ރޭޓިންގް ބިނާވެފައިވަނީ ދައުލަތުގެ ރޭޓިންގްގެ އޮނިގަނޑުގެ މައްޗަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
