ވަރުގަދަ އެމްޓީސީސީ ކަޓުވާލައި އޭދަފުށީގެ އެއިޓީފޯ ސެމީ ފައިނަލަށް

އޭދަފުށި ޓައިމްސްކުޅިވަރު
ގްރޫޕް ސްޓޭޖުގައި އެމްޓީސީސީ އާއި އެއިޓީފޯ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ކިންގްސް ކަޕް ކުއާޓާ ފައިނަލުގައި މިރޭ ވަރުގަދަ އެމްޓީސީސީ ބަލިކޮށް މުބާރާތުގައި އޭދަފުށި ތަމްސީލުކުރާ އެއިޓީފޯ އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

މިރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އެއިޓީފޯ ކުރި ހޯދީ 1-4 އިންނެވެ. މިއާއެކު 5-2 އިން އެއިޓީފޯ މޮޅުވެ ސެމީގެ ޖާގަ ކަށަވަރުކުރި އެވެ.

މެޗުގެ ފުރަތަމަ ގޯލު މެޗުގެ ކުރީކޮޅު ޖެހީ އެމްޓީސީސީގެ އިސްމާއީލް ވަޖީހު (ވައްޖެ) އެވެ. އެކަމަކު ހިތްވަރާ އެކު ކުޅެ މެޗުގެ ދެ ވަނަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެއިޓީފޯ އިން ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހުސާމް އެވެ.

އެއްވަރުވެގެން ޖެހި ޕެނަލްޓީގައި އެއިޓީފޯ އިން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެއިޓީފޯގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފާއި، އަލީ ނަސީމްގެ އިތުރުން އަހުމަދު ހުސާމް އަދި މޮޅުވި ޕެނަލްޓީ ޖެހި ހަމްދާން އަބްދުއްސައްތާރު އެވެ.

އެމްޓީސީސީގެ ސާމިން މުހައްމަދު ނަސީރު ޖެހި ޕެނަލްޓީ ބޭރަށް ނުކުތީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. އަދި އަލީ ޝިޔާހް (ޝިޔަޅޭ) ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އެއިޓީފޯގެ މޮޅަކީ އެޓީމަށް ވަރަށް ބޮޑު ކާމިޔާބީއެކެވެ. މުބާރާތުގައި އެޓީމު އޭދަފުށި ތަމްސީލުކުރާއިރު، އޭދަފުށީގެ އެންމެ މަޝްހޫރު ތަރިން ނުފެނެ އެވެ.

އޭގެތެރޭގައި ހިމެނޭ އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) ކުޅެނީ ހޯކްސް އަށެވެ. އަދި އޭދަފުށީގެ މުހިއްމު ކުޅުންތެރިޔާ އުނައިޝް ޒުބައިރު ވެސް ކުޅެނީ ހޯކްސް އަށެވެ.

ސެމީ ފައިނަލުގައި އެއިޓީފޯ ނުކުންނާނީ ހޯކްސް އާއި އުތީމު އެފްސީ ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...