ނައިބު ރައީސްގެ ހައިސިއްޔަތުން ދައުލަތުން ދޭ ކާރާއި ސެކިއުރިޓީ ބޭނުމެއް ނޫން: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ދައުލަތުން ކާރާއި ސެކިއުރިޓީ ހަމަޖައްސައިދިނުމަށް ނޭދޭ ކަމަށް، މަޖިލީހުގެ ނައިބު ރައީސްކަމަށް އަލަށް އިންތިހާބުވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަކީ އޭނާ ހަގީގަތުގައި ބޭނުންވި މަގާމެއް ނޫން ކަމަށެވެ. ނަމަވެސް، ޕާޓީގެ މަސްލަހަތާއި އެކުވެރިކަން ދެމެހެއްޓުމަށްޓަކައި އެ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތްތަކާ ގުޅޭގޮތުން ސަލީމް ވިދާޅުވީ، ދައުލަތުގެ ކާރާ ހަވާލުވުމަށް މަޖިލީހުގެ އިދާރާއިން ގުޅުމުން އެކަމަށް އިންކާރު ކުރައްވާފައިވާނެ ކަމަށެވެ. “އަޅުގަނޑު ބުނިން ހަވާލެއް ނުވާނަމޭ. އަޅުގަނޑު މިހާރު ވެސް ދާގޮތަށް މީހެއްގެ ސައިކަލް ފަހަތުގައޭ ދާނީ. އެހެންވީމަ އަޅުގަނޑަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ މީހެއް ނޫން،“ އޭދަފުށީ ދާއިރާގެ މެންބަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ސެކިއުރިޓީއާ ގުޅޭގޮތުން ސަލީމް ވިދާޅުވީ އޭނާގެ ސެކިއުރިޓީ ހެއްދެވި ފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި، އިތުރު ސެކިއުރިޓީއެއް ބޭނުން ނުވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގައި ތިއްބެވީ ގައުމަށް އިހްލާސްތެރި، މާ ފެންވަރު މަތިވެގެން އުޅެން ބޭނުން ނުވާ ބޭފުޅުންނެވެ.
ސަލީމަކީ އޭދަފުށީ ދާއިރާގެ މެންބަރުކަން ވިދިވިދިގެން ހަތަރު ވަނަ ދައުރަކަށް ފުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވިދާޅުވީ އަމިއްލަ ވިޔަފާރިއަށް ވުރެ ގައުމަށްޓަކައި މަސައްކަތް ކުރުން މާ މުހިންމު ކަމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
