އަތޮޅު ކައުންސިލްތައް އުވާލުމުން އެސްޖީން މަގާމުން ވަކިކޮށްފި

އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ހުރިހާ ސެކްރެޓަރީ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ހާމަކުރި ގޮތުގައި މި ބަދަލު ގެނައީ އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެންނެވެ.
ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އެސްޖީން މަގާމުން ވަކިކުރަން ނިންމީ ގަވައިދާ އެއްގޮތަށް ނޯޓިސްގެ މުއްދަތުގެ ފައިސާ އާއި “ރިޑަންޑެންސީ އިނާޔަތް” ލިބޭ ގޮތަށެވެ. މިއީ އިދާރީ އޮނިގަނޑަށް އައި ބަދަލަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި މި އިސްލާހުގައިވަނީ، އަތޮޅު ކައުންސިލްތަކުގެ ނިމިދިޔަ ދައުރު ހަމަވުމާއެކު އެ ކައުންސިލްތައް އުވޭނެ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 17 ގައި އާ ކައުންސިލަރުން ހުވާކުރުމާއެކު، އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ.
މި ބަދަލާއެކު ކުރީގެ އަތޮޅު ކައުންސިލްތައް މިހާރު ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުން ހިނގާ އަތޮޅު އޮފީސްތަކަކަށް ބަދަލުކޮށްފައެވެ. ޑިރެކްޓަ ޖެނެރަލުންނަކީ މީގެ ކުރިން އެ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް ޒިންމާ އުފުއްލެވި ފަރާތްތަކެވެ.
ކައުންސިލްތައް އުވުމާ ގުޅިގެން އެސްޖީންގެ ވަޒީފާ ގެއްލުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް އިރުޝާދު ދެއްވާފައެވެ. އަދި މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...