މިލައިދޫން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

މިލައިދޫ މޯލްޑިވްސްއިން 2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ އަހަރުގެ ޝިއާރު ކަމުގައިވާ “ރީއިމެޖިން: ބިޔޯންޑް ދަ ވޯލްޑް ވީ ނޯ، އަ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން” ގެ ދަށުން، ކުޑަރިކިލު ސްކޫލުގެ ދަރިވަރުންނާއި، ޓީޗަރުންނާއި އަދި ބެލެނިވެރިންނަށް ޚާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

މި ދުވަސް ފެށުނީ ވަރަށް ތަފާތު ގޮތަކަށެވެ. މިލައިދޫގެ ލީޑަޝިޕް ޓީމުން ބައްދަލުވުން ބޭއްވީ އެ ރަށް ވަށައިގެންވާ މޫދުގައެވެ.

ބ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގެ ތެރޭގައި އޮންނަ މިލައިދޫއަކީ ރާއްޖޭގެ އެންމެ އަގުހުރި ކަނޑުފަޅުގެ މާހައުލުތަކުގެ ތެރޭގައި ހިމެނޭ ރަށަކަށްވާތީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ މި ރަށަށް ވަރަށް ޚާއްސަ ދުވަހެކެވެ.

މި ހަރަކާތުގައި ކައިރީގައި އޮންނަ ކުޑަރިކިލު ނ 15 ދަރިވަރުންނާއި، 10 ޓީޗަރުންނާއި ބެލެނިވެރިން ބައިވެރިވެ، ކަނޑުގެ މާހައުލު ރައްކާތެރިކުރުމުގައި ފަރުދީ ޒިންމާ އަދާކުރާނެ ގޮތްތައް ދަސްކުރިއެވެ.

މިލައިދޫގެ މެރިން ޓީމު، “އޯޝަން ސްޓޯރީޒް” އިން އިންތިޒާމުކުރި މި ޕްރޮގްރާމް ފެށުނީ ރެޒިޑެންޓް މެރިން ބަޔޮލޮޖިސްޓް ނައިރިކާ ބަރޫޗާ ދެއްވި ޚާއްސަ ސެޝަނަކުންނެވެ. މި ސެޝަނުގައި ބ. އަތޮޅުގެ މުއްސަނދި ކަނޑުފަޅުގެ ދިރުންތަކާއި، ކަނޑުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އަދި ކުނި މެނޭޖްކުރުމާއި ޒިންމާދާރު ފަތުރުވެރިކަން ފަދަ ކަންކަމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

އޭގެ ފަހުން، ދަރިވަރުން ވަނީ މިލައިދޫގެ ހައުސް ރީފްގައި ސްނޯކްލިންގ ކޮށް، ކަނޑުއަޑީގެ ރީތި މަންޒަރުތައް ތަޖުރިބާކޮށްފައެވެ. އަދި މިލައިދޫއިން ކުރިއަށްގެންދާ ފަރު އާލާކުރުމުގެ މަޝްރޫޢުގެ ދަށުން، ދަރިވަރުން ވަނީ މުރަކަ އިންދުމުގެ ހަރަކާތުގައި ވެސް ބައިވެރިވެފައެވެ.

މި ހަރަކާތް ނިންމާލީ ކުދިންނާއި ބެލެނިވެރިން އަދި މިލައިދޫގެ މުވައްޒަފުން ގުޅިގެން ކޭކް ފެޅުމުގެ ޚާއްސަ ހަފްލާއަކުންނެވެ.

ރާއްޖޭގެ މުސްތަޤުބަލު ބިނާވެފައިވަނީ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށާއި، ފަރުތަކަކީ ރަށްރަށް ގިރުމުން ސަލާމަތްކޮށްދޭ އަދި މަސްވެރިކަމާއި ފަތުރުވެރިކަމަށް ވެސް މުހިންމު ވަސީލަތެއް ކަމަށް މިލައިދޫއިން ފާހަގަކުރިއެވެ.

މިލައިދޫއިން ދަނީ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ކަނޑުތައް ހިމާޔަތްކުރުމަކީ އެންމެންގެ ގުޅިފައިވާ މަސައްކަތެއްކަން ހަނދާންކޮށްދޭ ދުވަހެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...