މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިހާބުވުމުން ސަލީމަށް އޭދަފުށިން ހޫނު މަރުހަބާއެއް ކިޔަނީ

އޭދަފުށި ޓައިމްސްޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިހާބުކުރެއްވުމާ ގުޅިގެން، އެކަން ކުލަގަދަކޮށް ފާހަގަކުރުމަށް އޭދަފުށީގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ސަލީމަށް މަރުހަބާ ދެންނެވުމަށް ބާއްވާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައި އޭދަފުށީ ރަސްމީ ފާލަން ސަރަހައްދުގައެވެ. މީގެ އިތުރުން، އޭދަފުށީ ރައްޔިތުންގެ ފަރާތުން ދެއްވާ ހާއްސަ ފަރިއްކޮޅެއް މިރޭ 20:30 ގައި ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

އަހުމަދު ސަލީމް މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ވަޑައިގަތުމަކީ އޭދަފުށީ ރައްޔިތުން ފަހުރުވެރިވާ ކަމެއްގެ ގޮތުގައި ފާހަގަކޮށް، މި އުފާވެރި ހަފްލާގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ދައުވަތު އަރުވާފައެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ހުށަހަޅާފައިވަނިކޮށް، ނާޒިމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަހުމަދު ސަލީމަކީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރެއްގެ ގޮތުގައި ވިދިވިދިގެން ހަތަރު ވަނަ ދައުރު ފުރުއްވަމުން ގެންދަވާ، މަޖިލީހުގައި މި ވަގުތު ހުންނެވި އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...