ކިންގްސް ކަޕް ސެމީގައި މިރޭ އެއިޓީފޯ ނުކުންނާނީ އޭދަފުށީގެ ތަރިން ހިމެނޭ ހޯކްސްއާ ދެކޮޅަށް

އޭދަފުށި ޓައިމްސްކުޅިވަރު

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކުރާ ކިންގްސް ކަޕްގެ ސެމީ ފައިނަލުގައި، އޭދަފުށީގެ މަޝްހޫރު
ތަރިން ހިމެނޭ ހޯކްސްއާ ދެކޮޅަށް މިއަހަރުގެ މުބާރާތުގައި އޭދަފުށި ތަމްސީލުކުރާ އެއިޓީފޯ
އެފްސީ މިރޭ ނުކުންނާނެ އެވެ.

އެއިޓީފޯ އެފްސީ ކިންގްސް ކަޕުން ފުރުސަތު ހޯދީ އޭދަފުށި ފުޓްސަލް ކަޕްގެ ރަނަރަޕް ޓީމުގެ
ގޮތުގަ އެވެ. ކިންގްސް ކަޕްގެ ކުއާޓާ ފައިނަލުން އެއިޓީފޯ ޖާގަ ހޯދީ ގްރޫޕް
ސްޓޭޖުގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ.

ކުއާޓާ ފައިނަލުގައި އެއިޓީފޯ ވަނީ މުބާރާތުގެ އެއް ފޭވަރިޓުން ކަމަށްވާ، އަދި މަޝްހޫރު އެތައް
ކުޅުންތެރިންނެއް ހިމެނޭ އެމްޓީސީސީ ކަޓުވާލާފަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތު
ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީން 4-1 އިން ކުރި ހޯދުމާ އެކު އެއިޓީފޯ
މެޗު ކާމިޔާބުކުރީ 5-2 އިންނެވެ.

ހޯކްސް އަކީ މިފަހަރުގެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެވެ.
އެޓީމު ލީޑު ކުރަނީ އޭދަފުށީގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި
ހިމެނޭ އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) އެވެ. އަދި
އޭދަފުށީގެ ފުޓްސަލް އާއި ފުޓްބޯޅައިގައި ވެސް ފާހަގަކުރެވޭ އުނައިޝް ޒުބައިރު
ވެސް ކުޅެނީ ހޯކްސް އަށެވެ.

ހޯކްސް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި އުތީމު އެފްސީ 2-4 އިން
ބަލިކޮށްގެންނެވެ. އެ މެޗުގައި ސައްޓު ދެ ގޯލު ޖެހިއިރު ފާއްޓެ އެއް ގޯލު ޖެހި
އެވެ.

މިދިޔަ އަހަރުގެ ކިންގްސް ކަޕްގައި އޭދަފުށިން ވާދަކުރީ ސީސީ ސްޕޯޓްސް ކްލަބެވެ. ސީސީން
ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅެ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)
އަތުން ބަލިވެފަ އެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި އެއިޓީފޯ އެފްސީ އާއި ހޯކްސް ވާދަކުރާ ސެމީ މެޗު
ފަށާނީ މިރޭ 8:30 ގަ އެވެ. ހަމަ އެގަޑީގައި ސްޓެލްކޯ އާއި ކޯރާ ކޯރާ މޯލްޑިވްސް
ވާދަކުރާ އަނެއް ސެމީ ވެސް ކުޅޭނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...