އާރްޓީއެލް ފެރީގެ ޚިދުމަތް 1.6 މިލިއަން މީހުން ހޯދައިފި

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދިން އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިފަހުން މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 1.6 މިލިއަނަށްވުރެ ގިނަ މީހުން އެ ޚިދުމަތް ހޯދާފައިވާކަމަށް އިޤުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ނިޒާމަކީ މިހާރު ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ހައި ސްޕީޑް ފެރީއާއި ބަހުގެ ޚިދުމަތް ހިމެނޭހެން ފުޅާދާއިރާއެއްގައި ދެމުންދާ ޚިދުމަތެކެވެ.
ޕީއެސްއެމް ނިއުސްގެ ޓްރޭޑް ޑެސްކް ވިތް އަނާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިޤުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރުގެ ނައިބު އިބްރާހިމް ޔާސިރު ވިދާޅުވީ އާރްޓީއެލްގެ ދަތުރުތަކުގެ ތަފާސްހިސާބުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
“އަޅުގަނޑުމެން ވަރަށް ރަނގަޅަށް ސްޓެޓިސްޓިކް ބަލަހައްޓަން އާރްޓީއެލްގެ ދަތުރުކުރާ ފަރާތްތަކުގެ މައުލޫމާތުތަކާ އަދަދުތަކާ ކޮން ޒޯން ތަކަކުން ތޯ އެންމެ ގިނައިން ދަތުރުކުރަނީ އަދި ދަތުރު ކުރާ ޕެޓާން ތައް ވަރަށް ރަނގަޅަށް ބަލަން،” ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާފައިވަނީ ހއ، ހދ، އަދި ށ އަތޮޅު ހިމެނޭ ޒޯން 1 އިންނެވެ. އެ ސަރަހައްދުގައި ޚިދުމަތް އެންމެ ފުރިހަމައަށް ޤާއިމުކުރެވިފައިވާއިރު، ކޮންމެ ދުވަހަކު އެވްރެޖްކޮށް އެއްހާސް މީހުން ދަތުރުކުރާކަމަށް އޭނާ ވިދާޅުވިއެވެ. މި ޚިދުމަތުގެ ސަބަބުން ޞިއްޙީ ފަރުވާއާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވެއެވެ.
މިހާތަނަށް 15 އަތޮޅަކަށް މި ޚިދުމަތް ފުޅާކޮށްފައިވާއިރު، މި މަހުގެ ތެރޭގައި މ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެމްޓީސީސީން މިހާރު ދަނީ އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، ރައްޔިތުން ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވަމުންނެވެ. މ. އަތޮޅަށްފަހު ދެން މި ޚިދުމަތް ފެށުމަށް ބާކީ އޮތީ ކ، އއ، އދ އަދި ވ. އަތޮޅު ހިމެނޭ ޒޯން 3 އެވެ.
ސަރުކާރުގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ މި ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމެވެ. މީގެ ސަބަބުން ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
