އުރީދޫ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފި

ދިވެހިން އެތައް އަހަރުތަކެއް ވަންދެން ކުރަމުން އައި އިންތިޒާރަށް ނިމުމެއް ގެނެސް، ދުނިޔޭގެ އެންމެ މަގުބޫލު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލް ގެ ހިދުމަތް އުރީދޫ މޯލްޑިވްސް މެދުވެރިކޮށް މިއަދު ރާއްޖެއަށް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
މި ހިދުމަތް އިފްތިތާހު ކޮށްދެއްވީ ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޕޭޕަލް ރާއްޖެއަށް ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަންތައް ކަމަށްވާއިރު، މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެޅުނު ބޮޑު ފިޔަވަޅެކެވެ.
ސަރުކާރުން ޕޭޕަލްގެ ހިދުމަތް ހޯދުމަށް ރަސްމީކޮށް މަސައްކަތް ފެށީ ޖޫން 2024 ގައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ޕޭޕަލްގެ ސީއީއޯއަށް ސިޓީއެއް ފޮނުވުމާއި، އެމެރިކާގެ އިސްވެރިންގެ އެހީތެރިކަމާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ކަނޑައެޅީ އުރީދޫ މޯލްޑިވްސްއެވެ. މިކަމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫއަށް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
މި ހިދުމަތް ފެށުމުގައި އެންޓި-މަނީ ލޯންޑްރިން (އޭއެމްއެލް) މިންގަނޑުތަކަށް ފެއްތުމަށްޓަކައި ބައެއް ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، އުރީދޫން ވަނީ އެ ކުންފުނީގެ ސިސްޓަމްތައް ޕޭޕަލްގެ މިންގަނޑުތަކަށް ފަރުމާކޮށް، މި އަހަރުގެ ކުރީކޮޅު އެ މަސައްކަތް ނިންމާފައެވެ. އަދި މޭ މަހުގެ ތެރޭގައި ސިސްޓަމްތައް ޓެސްޓުކުރުމަށްފަހު، މިއަދު މިވަނީ ހިދުމަތް އާންމުންނަށް ހުޅުވާލާފައެވެ.
މި ހިދުމަތުގެ ސަބަބުން ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މިއީ ރާއްޖޭގެ ކްރިއޭޓިވް އިގްތިސާދުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އުރީދޫން ފާހަގަކުރެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...