ނަމާދު ވަގުތު ކުޅިވަރުތައް 20 މިނެޓަށް ހުއްޓާލަން އަންގައިފި

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށީގައި ތަރައްގީކުރި ފުޓްބޯޅަ ސްޓޭޑިއަމް, ކޮންމެ ނަމާދު ވަގުތަކަށް 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން ކުޅިވަރު އެސޯސިއޭޝަންތަކަށް މިހާރު ވަނީ އަންގާފައި- ފޮޓޯ/ސިޑީބަރި

ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ވެސް، ނަމާދު ވަގުތު ޖެހުމާ އެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.

މިއީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ނަމާދަށް ގޮވުމާ އެކު 20 މިނެޓް ވަންދެން ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑާލައި، އެކަން ތަންފީޒުކުރަމުން ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި އެސޯސިއޭޝަންތަކުގެ އިތުރުން ކްލަބްތަކާއި އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ވެސް ހިމެނެއެވެ.

ކުޅިވަރު މައިދާންތަކުގައި ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް ބަދަލު ގެނެސް، އެ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވާއިރު، މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒު ކުރެވެން ވާނީ އެ ހަގީގަތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

“… އެހެންކަމުން ތިޔަ އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެންމެހާ ހަރަކާތްތައް އިސްވެ ދެންނެވުނު ފަދައިން ނަމާދުވަގުތަށް މެދުކަނޑާލައި މިކަން ތަންފީޒުކުރަމުން ގެންގޮސްދެއްވުމަށް ދަންނަވަމެވެ،” ސްޕޯޓްސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސަރުކާރުން އަޅާ ކުޅިވަރާ ގުޅޭ އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ޒަމާނީ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށެވެ. މީގެ ސަބަބުން ކުޅިވަރު ކުޅޭ ގަޑީގައި ނަމާދު ވަގުތު ނުގެއްލޭ ގޮތަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ވެސް ގިނަ ބަޔަކު ކުޅިވަރު ކުޅުމަށް ބޭނުންކުރާ މާފަންނު ސްޓޭޑިއަމާއި ކުޅިވަރު އެކުވެނީގައި ނަމާދު ކުރެވޭނެ އެކަށީގެންވާ އިންތިޒާމެއް ނެތް ނަމަވެސް، އާ ބަދަލާ އެކު އެ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...