ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއީ މި އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓުގެ ހިދުމަތް އިތުރަށް ގާތުން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ހިދުމަތް ފެށުމަށްޓަކައި މިއަދު ހެނދުނު ދަރަވަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ އަދި ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު އަހްމަދު ވަހީދު ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު އާއި ކައުންސިލް މެމްބަރުންނާއި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އިމިގްރޭޝަންގެ އޮފިސަރުން މި ހަފުލާގައި ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ދަރަވަންދޫން ޕާސްޕޯޓުގެ ހިދުމަތަށް އެންމެ ފުރަތަމަ އެދުނު ދެ މީހުންނަށް ވަނީ އެމީހުންގެ ޕާސްޕޯޓު ރަސްމީކޮށް ހަވާލުކޮށްފައެވެ. މިއާއެކު، އެ ރަށުގައި މި ހިދުމަތް މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ބ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް “އިމުގާ” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ބޭނުންވާ “ކަލެކްޝަން ޕޮއިންޓް” އެއްގެ ގޮތުގައި އޭދަފުށީގެ އިތުރުން މިހާރު ދަރަވަންދޫ ވެސް އިހުތިޔާރު ކުރެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
