ސްޓެލްކޯގެ މިދިޔަ އަހަރުގެ އެންމެ މޮޅު ޓެކްނިކަލް މުވައްޒަފަކަށް އަލީ ނިޔާޒް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މިދިޔަ އަހަރުގެ އެންމެ މޮޅު ޓެކްނިކަލް މުވައްޒަފަކަށް މާލޭ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނިޔާޒް ހޮވައި އެވޯޑް ދީފިއެވެ.
މި އެވޯޑް ދީފައިވަނީ ސްޓެލްކޯގެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި، މިދިޔަ އަހަރު މަސައްކަތާއި ހުނަރުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
ބ. ގޮއިދުއަށް އުފަން ޢަލީ ނިޔާޒަކީ ސްޓެލްކޯގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދަވާ، ފަންނީ ގޮތުން ޤާބިލު މުވައްޒަފެކެވެ. އޭނާ ފުރަތަމަ ސްޓެލްކޯއާ ގުޅިވަޑައިގަތީ މެއި 2012 ވަނަ އަހަރު، އެސިސްޓަންޓް ޓެކްނީޝަނެއްގެ މަޤާމުންނެވެ.
އޭނާގެ ފަންނީ ޤާބިލުކަން އިތުރުކުރެއްވުމުގެ ގޮތުން، 2017 ވަނަ އަހަރު ރާއްޖެއިން ބޭރުން “ބެޗެލާ އޮފް އިންޖިނިއަރިންގ (އޮނާސް) އިން އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ” ފުރިހަމަކުރެއްވުމަށްފަހު، 2020 ވަނަ އަހަރު އަލުން ސްޓެލްކޯއާ ގުޅިވަޑައިގެންނެވިއެވެ.
އެހެނިހެން ދާއިރާތަކުން ހޮވުނު މުވައްޒަފުން
މި ހަފުލާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން އެންމެ މޮޅު ނޮން-ޓެކްނިކަލް މުވައްޒަފަކަށް ހޮވުނީ ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ހައްސާމް އަޙްމަދު އެވެ.

މެނޭޖަރުންގެ ދާއިރާއިން ބަލާއިރު، ޓެކްނިކަލް ދާއިރާއިން އެންމެ މޮޅު މެނޭޖަރަކަށް ހޮވުނީ މާލޭ ޕަވަރ ޖަނޭރޭޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ ޢަލީ ނަފާޙް މުޙައްމަދު އެވެ. އަދި ނޮން-ޓެކްނިކަލް ދާއިރާއިން އެންމެ މޮޅު މެނޭޖަރަކަށް ހޮވުނީ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ސީނިއަރ މެނޭޖަރ ސަމީހާ މުސްޠަފާ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...