މާޅޮހުގައި ނާސަރީއެއް ގާއިމު ކުރުމަށް ފަސްލައްކަ ރުފިޔާ

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ބ. މާޅޮސް– ފޮޓޮ މަންތާ ރިޒާވް މޯލްޑިވްސް

ބ. މާޅޮހުގައި ދަނޑުވެރިކަމުގެ ނާސަރީއެއް ގާއިމުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ފަސް ލައްކަ ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. މާޅޮހުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 10 ރަށެއްގައި މިފަދަ ނާސަރީތައް ގާއިމުކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، ސޮއިކުރާ ތާރީހުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީތަކުގެ އަމަލީ މަސައްކަތް ނިންމަން ޖެހެއެވެ. މި މަޝްރޫއަކީ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއުގެ މައިގަނޑު ބައެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ނާސަރީތައް ވެގެންދާނީ އެ އަތޮޅުތަކުގައި ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭނުންވާ ގަސްތައް ފޯރުކޮށްދޭ މައި މަރުކަޒުތަކަށެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ރަށްތަކަކީ ބ. މާޅޮސް، ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، އއ. މަތިވެރި، މ. މުލައް، ތ. ކިނބިދޫ، ގއ. ދާންދޫ އަދި ގދ. ތިނަދޫ ސިޓީ އެވެ.

އަންދާޒާ ކުރެވޭ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެއެވެ. މި ތަންތަނުން އުފައްދާ ހުރިހާ ގަހެއް ގުނާނީ ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑީގެ ތެރެއިންނެވެ.

މި ނާސަރީތައް ގާއިމުވުމުން، އެ ރަށްރަށުގެ އިތުރުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، ދަނޑުވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...