އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވަނީ

އޭދަފުށި ޓައިމްސްޚަބަރު

ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވައި، އެ ކުންފުނީގެ އުފެއްދުންތައް އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ބާރުސްޕީޑެއްގައި ކުރަމުން އަންނަކަމަށް އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) ހާމިދު ނަޒީމު އިބްރާހީމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހާމިދު ވިދާޅުވީ، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން ކަމަށެވެ.

މިފްކޯއިން އަތޮޅުތެރޭގައި ފިހާރަތައް ހުޅުވުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ސިޓީތަކަށާއި އާބާދީގެ ގޮތުން ބޮޑެތި ރަށްރަށަށެވެ. އެގޮތުން، އަތޮޅުތެރޭގައި ހުޅުވި މިފްކޯގެ ފުރަތަމަ އައުޓްލެޓް މިދިޔަ މޭ މަހުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫގައި ވަނީ ހުޅުވާފައެވެ. ސީއޯއޯ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ފިހާރަތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިގެންދާނެއެވެ.

“އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވާ، އަދި މިފްކޯގެ އުފެއްދުންތައް އާންމު ރައްޔިތުންނާ ހަމައަށް އަގުހެޔޮކޮށް އަދި ލުއިފަސޭހަކޮށް ފޯރުކޮށްދިނުން. ދާދިފަހުން ވާނެ އައްޑޫ ހިތަދޫގަ މިފްކޯގެ ފިހާރައެއް ހުޅުވާފައި. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވައި، އުފެއްދުންތައް ފަސޭހަގޮތެއްގަ ފޯރުކޮށްދިނުން،” ހާމިދު ނަޒީމު ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން، ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ގައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ މަގު ފަހިކުރުމަށް އެ ކުންފުނިން އަންނަކީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި މިފްކޯގެ އައުޓްލެޓެއް ވަނީ ހުޅުވާފައެވެ.

ލަންކާގައި ހުޅުވި އައުޓްލެޓުން މިފްކޯގެ މަޝްހޫރު “ފަސްމީރު” ބްރޭންޑްގެ އެކި ބާވަތްތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ މަސްދަޅު، ވަޅޯމަސް، ރިހާކުރު އަދި ޕެކެޓްކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ. މިއީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި އުފެއްދުންތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...