ބ. އަތޮޅު ބަޔޯސްފިއާ ރިޒާވަށް 15 އަހަރު: ތިމާވެށި ހިމާޔަތްކުރުމުގެ ލާމަސީލު ނަމޫނާއެއް

އޭދަފުށި ޓައިމްސްޚަބަރު
ހަނިފަރު ބޭގެ މޫދު އަޑީގައި އެ ސަރަހައްދުގައި އުޅޭ ބައެއް ދިރުންތައް: މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް.– ފޮޓޯ: ގެޓީ އިމޭޖަސް

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާ މިއަދު ދެކެމުންދާ ޒަމާނީ ބަދަލުތަކުގެ އެންމެ ކުރީ ސަފުގައި އޮތީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވެވެ. 2011 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވަކަށް މި އަތޮޅު ކަނޑައެޅި ފަހުން މިއަދު މި ފާހަގަކުރަނީ ކާމިޔާބު 15 އަހަރެވެ. މިއީ ހަމައެކަނި ތިމާވެށީގެ ދަތުރެއް ނޫނެވެ؛ މިއީ ދިވެހިންގެ ގުދުރަތީ މުއްސަނދިކަމާއި ޒިންމާދާރު ފަތުރުވެރިކަމަށް ދިރުން ގެނެސްދިން ލާމަސީލު ބައިވެރިއެކެވެ.

Advertisement

ބ. އަތޮޅު ބަޔޯސްފިއަރ ރިޒާވްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފާއިތުވި ދަތުރުން ސާބިތުކޮށްދިނީ ތިމާވެށި ރައްކާތެރިކުރުމާއި މުޖުތަމައުގެ ކުރިއެރުމަކީ އެކުގައި ކުރިއަށް ގެންދެވޭނެ ދެ ކަންތައް ކަމަށެވެ.

 “މި ފާއިތުވި 15 އަހަރުގެ ދަތުރުން ސާބިތުކޮށްދިނީ ތިމާވެށި ރައްކާތެރިކުރުމާއި މުޖުތަމައުގެ ކުރިއެރުމަކީ އެކުގައި ކުރިއަށް ގެންދެވޭނެ ދެ ކަންތައް ކަން،” ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަނިފަރު ބޭގެ އެއްމަޑިތަކެއް: ފެހުރިއްސާއި އެއްމަޑި އުޅޭ ހަނިފަރު ބޭއަކީ ބ. އަތޮޅުގެ “ހިތް”.– ފޮޓޯ: ނެޗާސް ބެސްޓް ފޮޓޯގްރެފީ

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ގުދުރަތީ ވަސީލަތްތަކާއި ދިރުންތަކުން މުއްސަނދި މި އަތޮޅަކީ، ޚާއްސަކޮށް ގިނަ އަދަދެއްގެ މަންތާ ނުވަތަ އެންމަޑި ފެންނަ ސަރަހައްދެއްގެ ގޮތުގައި މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ތަނެކެވެ. މި ރިޒާވްގެ ތެރޭގައި އަތޮޅުގެ ހުރިހާ ރަށްތަކާއި، ފަރުތަކާއި، ފަޅުތަކުގެ އިތުރުން އަތޮޅުގެ ދުނިން ފެށިގެން އެއް ނޯޓިކަލް މޭލުގެ ސަރަހައްދު ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި އަތޮޅުގެ މުއްސަނދި ދިރުންތައް ހިމާޔަތްކުރުން ހަރުދަނާކޮށް، ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުވުމުގެ އިތުރުން ޒިންމާދާރު ފަތުރުވެރިކަމެއް ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މި ބޮޑު ކާމިޔާބީގެ ފަހަތުގައި ސަރުކާރާއި، ޔުނެސްކޯ، ލޯކަލް ކައުންސިލްތަކާއި ރައްޔިތުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ދިން އެއްބާރުލުން ބަޔޯސްފިއަރ ރިޒަރވް އޮފީހުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

ޓޫރިސްޓަކު ފެހުރިއްސަކާ އެކު: ބަޔޮސްފިއާ ރިޒާވްތައް ހެދުމުން ބޮޑެތި ފައިދާތަކެއް ލިބޭ –ލިނާޓްރެވަލް

ބަޔޯސްފިއަރ ރިޒާވްގެ އަމާޒަކީ ބ. އަތޮޅަކީ އިންސާނުންނާއި ގުދުރަތީ ވެށި ގުޅިގެން އުޅެވިދާނެކަން ސާބިތުކޮށްދޭ ލާމަސީލު ނަމޫނާއެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމެވެ. ގޮންޖެހުންތަކެއް ހުރި ނަމަވެސް، އަތޮޅުގެ ގުދުރަތީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ އަޒުމް މިހާރު ކުރިއަށްވުރެ ވަރުގަދަވެފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...