ބީއެމްއެލްގައި އާންމުންނަށް 25 ޕަސެންޓް ފައިދާއާ އެކު ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި

އޭދަފުށި ޓައިމްސްޚަބަރު

ގައުމީ ބޭންކް ބީއެމްއެލް އިން “އިންވެސްޓްމަންޓްސް” ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށް، އާންމުންނަށް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ ގޮތް މިއަދު ހަދައިފި އެވެ. 

“އިންވެސްޓްމަންޓްސް ބައި ބީއެމްްއެލް” ތައާރަފުކުރީ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ނޫސްވެރިންނާ އެކު ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި “ޗެޓު ވިތު ސީއީއޯ” ބައްދަލުވުމުގަ އެވެ. 

އެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ މި ހިދުމަތް ތައާރަފުކުރުމުން އެ ބޭންކުގައި ކޮންމެ މީހަކަށް ވެސް ދެން ޑޮލަރު އިންވެސްޓުކޮށް، ފައިދާ ހޯދޭނެ ކަމަށެވެ. މި ހިދުމަތް ތައާރަފުކުރީ ބޭންކުން ކުރާ މުއާމަލާތްތަކަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމަށްޓަކައި އިތުރު އިންވެސްޓަރުން ހޯދުމުގެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ހިދުމަތް މިއަދު ލައިވް ކުރަން ނިންމާފައިވާއިރު، ބީއެމްއެލް އިންޓަނެޓް ބޭންކިންގައި ގާއިމްކޮށްފައިވާ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބޭންކުގައި ކޮންމެ މީހަކަށް ވެސް ޑޮލަރު އިންވެސްޓްކުރެވޭނެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލް “އިވެންސްޓްމަންޓްސް”ގައި ޑޮލަރު އިންވެސްޓްކުރާ ކަސްޓަމަރުންނަށް 25 ޕަސެންޓުގެ ފައިދާ ލިބޭނެ އެވެ. އެ ދުވަހަކު އިންވެސްޓްކުރާ ޑޮލަރަށް ވާ ދިވެހި ރުފިޔާ ވަގުތުން ޖަމާކޮށްދޭއިރު، އެއަށް ޖެހޭ ފައިދާ ވެސް މުއާމަލާތް ފުރިހަމަވުމުން ޖަމާކޮށްދޭނެ އެވެ. 

ބޭންކުން ހުޅުވާލި އިންވެސްޓްމަންސްޓް ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓް ކުރެވޭނެ އެވެ. އެކަން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ކުރެވޭނެ އެވެ. އިންވެސްޓްކުރުމުން 15.42ރ. ގެ ރޭޓުން ވަގުތުން އެ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާވާނެ އެވެ. އަދި އޭގެން ލިބޭ ފައިދާ އަނެއް ދުވަހު، އެމީހެއްގެ އެކައުންޓަށް ޖަމާކުރާނެ އެވެ.

މިސާލަކަށް، 1،000 ޑޮލަރު އިންވެސްޓްކޮށްފި ނަމަ، 25 ޕަސެންޓްގެ ފައިދާއާ އެކު 19،275ރ. ލިބޭނެ އެވެ.

ޝަރީފު ވިދާޅުވީ، މި ޕްލެޓްފޯމާ އެކު ބޭންކަށް ލިބޭ ޑޮލަރު އިތުރުވުމުން، ކާޑުތަކަށް މިހާރު ކަނޑައަޅާފައިވާ ޑެއިލީ ލިމިޓްތަކަށް ލުއިތަކެއް ލިބޭނެ އެވެ. 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...