ޕީއެސްއެމްގެ ދީނުގެ އަޑު ދަރަވަންދުއަށް

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ރޭޑިއޯ ޗެނަލް، ‘ދީނުގެ އަޑު’ ބ. ދަރަވަންދޫއަށް ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް އެމެޗަރ ރޭޑިއޯ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ޕީއެސްއެމް ޓީވީ ބިލްޑިންގައެވެ.
މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބެވެ. މޯލްޑިވްސް އެމެޗަރ ރޭޑިއޯ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ނައިބު ރައީސް މުހައްމަދު އިބްރާހީމެވެ. މި އެއްބަސްވުމުގެ ދަށުން ދަރަވަންދޫއަށް ދީނުގެ އަޑުގެ ޕްރޮގްރާމްތައް ރޭޑިއޯ މެދުވެރިކޮށް އަޑުއިވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ އެމްޑީ އަހުމަދު ޝަކީބް ވިދާޅުވީ، އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކަކީ މާލީ ފައިދާއަށްވުރެ ބޮޑަށް، ދީނީ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ލިބޭ ބޮޑު އެހީތެރިކަމެއް ކަމަށެވެ. “ޕީއެސްއެމްގެ އަމާޒަކީ ހުރިހާ ޗެނަލެއްވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން،” ޝަކީބް ވިދާޅުވިއެވެ.

މޯލްޑިވްސް އެމެޗަރ ރޭޑިއޯ ސޮސައިޓީގެ ނައިބު ރައީސް މުޙައްމަދު އިބްރާހިމް ވިދާޅުވީ، މިއީ އެ ޖަމްޢިއްޔާއިން ކުރަން ބޭނުންވެގެން މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މި ޚިދުމަތް ދަރަވަންދޫގެ އިތުރުން ކައިރި ރަށްރަށަށްވެސް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން 25 ވޮޓްގެ ޕަވަރ ބޭނުންކޮށްގެން ދަރަވަންދޫގެ އިތުރުން ދޮންފަނު ހިސާބަށްވެސް ސިގްނަލް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް އެމެޗަރ ރޭޑިއޯ ސޮސައިޓީއަކީ އަމިއްލަ ރޭޑިއޯ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ އުއްމީދަކީ ކުރިމަގުގައި އެހެން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މި ޚިދުމަތް އިތުރަށް ފުޅާކުރުމެވެ. ރާއްޖޭގައި މިވަގުތު އެމެޗަރ ރޭޑިއޯ ޚިދުމަތް ދިނުމުގެ ލައިސެންސް އޮތް ހަތަރު ފަރާތެއް ހަރަކާތްތެރިވަމުންދެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
