އޭދަފުށީ އާ ބަނދަރުގެ މަސައްކަތުގެ 54 އިންސައްތަ ނިމިއްޖެ

ބ. އޭދަފުށީގައި އަލަށް ތަރައްޤީކުރަމުންދާ ބަނދަރުގެ މަޝްރޫޢުގެ 54 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެ މަސައްކަތުގެ ތަފްސީލްތަކުން ދައްކައިފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް ނިމިފައިވާއިރު، ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ކެޕިން ބީމް އެޅުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން 402 މީޓަރުގެ އެއްގަމު ތޮއްޓަކާއި 170 މީޓަރުގެ ބޭރު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 721 މީޓަރުގެ ސަރަހައްދެއްގައި ހިލަ ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުމާއި، 234 މީޓަރުގެ އެއްގަމު ތޮށި ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ހެދުމަށް ވަނީ ނިންމާފައެވެ. އަދި 1,814 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 18 މީޓަރުގެ ބްރިޖެއް އެޅުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

އޭދަފުށީގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ މި އާ ބަނދަރަކީ އެ ރަށުގެ އުތުރު ފަރާތުގައި މިހާރު އޮތް ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައްޔިތުން އެދެމުން އައި ގޮތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 64.67 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
