ސަރުކާރުގެ އިސް މިނިސްޓްރީތަކާއެކު އޭދަފުށީ ކައުންސިލުން މުހިންމު މަޝްވަރާތަކެއް

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީ ކައުންސިލުގެ އިސް ވަފުދެއް، ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކާ ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.

Advertisement

މި ދަތުރުގައި ކައުންސިލުގެ ރައީސް ސާމީ އިބްރާހީމް އާއި، ނައިބު ރައީސް ޢަލީ ޝަފީޤު އަދި ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޖުމާން ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުގެ ތެރެއިން އިއްޔެ ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ބައްދަލުކޮށް، ބ. މާއްޑޫގައި ދަނޑުވެރިކަން ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރއާ ބައްދަލުކޮށް ރަށުގެ ސިއްޙީ ޙާލަތާއި އިޖުތިމާއީ މައްސަލަތަކަށް ޙައްލު ހޯދުމަށް ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް އޭދަފުށި ކައުންސިލުން ބުންޏެވެ.

ސިއްޙީ ޚިދުމަތްތަކާއި ކައުންސިލް ހިންގުމާ ގުޅޭ މަޝްވަރާތައް

ރަށުން ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް މިއަދު ސްޓޭޓް ފާމަސީއާއެކު ކައުންސިލުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ކައުންސިލުން ބުނިގޮތުގައި މި ބައްދަލުވުމުގައި ޢާއްމުކޮށް ބޭސް ލިބުމުގެ ދަތިތަކާއި، ޚާއްސަކޮށް ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ހުރި ގޮންޖެހުންތަކާ މެދު ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައެވެ.

މީގެ އިތުރުން، ޖުލައި 2 ވަނަ ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއެކުވެސް ކައުންސިލުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް ކައުންސިލުން ބުންޏެވެ.

އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޝްވަރާތައް

ރަށުގެ އުމްރާނީ ތަރައްޤީއަށް ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ އާރް.ޑީ.ސީ އަދި އެމް.ޓީ.ސީ.ސީގެ އިސްވެރިންނާވެސް ބައްދަލުކޮށްފައެވެ. ޖުލައި 2 ވަނަ ދުވަހު އާރް.ޑީ.ސީއާއެކު ބޭއްވި ބައްދަލުވުމުގައި އޭދަފުށީގައި އަލަށް ހަދާ މަގުތަކާއި، މިހާރު ތާރު އަޅާފައިވާ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ޙައްލެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

ހަމައެހެންމެ، އެމް.ޓީ.ސީ.ސީއާއެކު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނިން ރަށުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާ ގުޅިގެން ރައްޔިތުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކާއި ކައުންސިލްގެ ކަންބޮޑުވުންތައް ވަނީ ޙިއްސާކޮށްފައެވެ.

މި ދަތުރުގެ ސަބަބުން ރަށުގެ ތަރައްޤީގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން އުއްމީދު ކުރެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...