ކުށްމަދުކުރުމަށް ބ. އަތޮޅުގެ ތިން ރަށެއްގައި ފުލުހުން ހާއްސަ ހަރަކާތްތަކެއް ހިންގައިފި

ބ. އަތޮޅުގެ ތިން ރަށެއްގައި ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތްތައް ހިންގާފައިވަނީ ބ. ދޮންފަނާއި، ހިތާދޫގެ އިތުރުން އޭދަފުށީގައެވެ.
މި ހަރަކާތްތަކަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، ކުށްތަކުން ރައްކާތެރިވެ ތިބުމަށް ރައްޔިތުން ހޭލުންތެރިކުރުވައި ޒިންމާދާރުކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ހަރަކާތްތަކެކެވެ. އެގޮތުން މި މަހުގެ 4 އަދި 6 ވަނަ ދުވަހު ދޮންފަނާއި ހިތާދޫގެ ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިންނަށް މައުލޫމާތު ދީފައިވާއިރު، މި މަހުގެ 2 ވަނަ ދުވަހު އޭދަފުށީގައި ވަނީ ‘ވޯކް އެންޑް ޓޯކް’ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
ވިޔަފާރިވެރިންނަށް ހާއްސަ އިރުޝާދުތަކެއް
ދޮންފަނާއި ހިތާދޫގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ސްކޭމްގެ މައްސަލަތަކުން ސަލާމަތްވުމަށާއި، ކާކުކަން ނޭނގޭ މީހުން ގުޅައިގެން ވިޔަފާރީގެ މުއާމަލާތްތައް ކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އޮންލައިން ވިޔަފާރިތަކުގައި ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ފޮނުވާ ސްލިޕްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ފިހާރަތަކުގެ ސަލާމަތީ ކަންކަން ހުރި މިންވަރު ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ފުލުހުން ވަނީ ލަފާދީފައެވެ. އަދި ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްތައް ވެސް ވިޔަފާރިވެރިންނަށް ވަނީ ކިޔައިދީފައެވެ.
އޭދަފުށީގައި ރައްޔިތުންނާ ގާތުން ބައްދަލުކުރުން

އޭދަފުށީގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ފުލުހުން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ފުލުހުންގެ ފަރާތުން ރަނގަޅުކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުންތަކުގައި މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ފުލުހުން ވަނީ މީސްމީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވެ، ބޭންކު އެކައުންޓާއި ޒާތީ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ރަށް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މި ހަރަކާތްތަކުގެ ތެރެއިން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...