ރަށްރަށުން ކުނި އުފުލުމަށް ޚާއްޞަ އުޅަނދުތަކެއް ބޭނުންކުރަނީ

އޭދަފުށި ޓައިމްސްޚަބަރު

އަތޮޅުތަކުގެ ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށްޓަކައި ޚާއްޞަ އުޅަނދުތަކެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

Advertisement

މިއީ ރާއްޖޭގެ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން، އެ ތަކެތި ކަނޑުމަގުން އުފުލުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ތިން އުޅަނދެއް ބަންނަމުންދާ ކަމަށެވެ. މީގެ ތެރެއިން އެއް އުޅަނދު އިންޑިއާގައި ބަނދެ މިހާރު ވަނީ ނިމިފައެވެ.

އަޙްމަދު މުރުތަޟާ ވިދާޅުވި ގޮތުގައި، އިންޑިއާގައި ބަނދެ ނިމިފައިވާ އުޅަނދު ރާއްޖެ ގެނައުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ އިންސްޕެކްޝަންތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކުރިއަށްދާނެއެވެ. މީގެ އިތުރުން ރާއްޖޭގައި ބަންނަމުންދާ ދެ ލޭންޑިންގ ކްރާފްޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމައި، އޮޕަރޭޝަނަށް ނެރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

“ރަށްރަށުގައި އުފައްދާ ކުނި މެނޭޖްކުރުމަށްފަހު އެތަކެތި ބޭރުކުރުމަށް ވަސީލަތްތައް ބޭނުންވޭ. މެރިން ޓްރާންސްޕޯޓްއަށްކަމަށް ވާތީ ކަނޑުގައި ދުއްވާ މިކަމަށް ޚާއްސަކޮށް ޑިޒައިން ކުރެވިގެން އުޅަނދުތައްވެސް ހޯދަން އެބަޖެހޭ،” މުރުތަޟާ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ “ގްރީން އިކޮނޮމީ” އާއި “ސާކިއުލަރ އިކޮނޮމީ” އަށް ބިނާކޮށް، ވަށައިޖެހޭ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤައުމީ ފެންވަރުގައި ބިނާކުރުމެވެ. މި ނިޒާމުގެ ދަށުން ކުނި މެނޭޖްކުރުމަކީ ޔުޓިލިޓީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، އެކަމަށް ބޭނުންވާ ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިގޮތުން ކުނި މެނޭޖްކުރުމުގެ ޢާންމު ޤަވާއިދާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާބެހޭ ޤަވާއިދުތައް މިހާރު ވަނީ އެކުލަވާލެވިފައެވެ. މި ޤަވާއިދުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ތިމާވެއްޓާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...