ކިހާދޫ ސާފުކުރުމުގެ ހަރަކާތުގައި ދިވެހި ވަޠަނީ ޚިދުމަތުގެ ދަރިވަރުން ބައިވެރިވެއްޖެ

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. ކިހާދޫގައި ކުރިއަށް ގެންދިޔަ “ސާފުތާހިރުކަން ދުޅަހެޔޮ ޞިއްޙަތު” ރަށުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތުގައި، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ތަމްރީނު ހޯދަމުންދާ ދަރިވަރުން ޢަމަލީ ގޮތުން ބައިވެރިވެއްޖެއެވެ.

Advertisement

މި ހަރަކާތުގައި ބައިވެރިވެފައިވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު-2 ގެ ދަރިވަރުންނެވެ.

ކިހާދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ވެކްޓަރ ޓާސްކް ފޯސް ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި، ތަމްރީނުގެ ދަރިވަރުންނާއި މުދައްރިބުން ވަނީ ރަށުގެ ބޮޑު ސަރަޙައްދެއް ސާފުކޮށްފައެވެ. މިގޮތުން ރަށުތެރޭގައި އުފެދިފައިވާ ކުންޏާއި، އުކާލާފައި ހުރި ދަޅާއި ޕްލާސްޓިކް ފަދަ ތަކެތި ހޮވައި، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތައިލުމުގައި އެ ފަރާތްތަކުން މުހިންމު ދައުރެއް އަދާކުރިއެވެ.

މިފަދަ އިޖުތިމާޢީ ހަރަކާތެއްގައި ދަރިވަރުން ބައިވެރިކުރުމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމީ ލޯތްބާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ރޫޙު އެ ކުދިންގެ ކިބައިގައި އަށަގެންނެވުމެވެ. މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ޢަމަލީ މައިދާނުގައި ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުމަކީ ވެސް މި ހަރަކާތުގެ ބޭނުމެކެވެ.

މި ހަރަކާތުގައި ދަރިވަރުންނާ އެކު އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރު މޭޖަރ ޙުސައިން ޝާހިދާއި އެގްޒެކެޓިވް އޮފިސަރު ކެޕްޓަން މުޙައްމަދު ޝަރީފް ބައިވެރިވެލެއްވިއެވެ. ކިހާދޫގެ މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން މި މަސައްކަތަށް ލިބުނު ފުރިހަމަ އެއްބާރުލުމަށް އެމްއެންޑީއެފް ސްކޫލުގެ ފަރާތުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...