މާރެސް އިންވިޓޭޝަން ކަޕް ވޮލީބޯޅަ މުބާރާތް ޖުލައި 20 ގައި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. އަތޮޅުގެ ރިޒޯޓުތަކާއި، އެ އަތޮޅުގެ ރަށްތަކުގެ އިތުރުން އަތޮޅުން ބޭރުގެ ރަށްތަކަށް ދައުވަތު ދީގެން ބާއްވާ “މާރެސް އިންވިޓޭޝަން ކަޕް ވޮލީބޯޅަ މުބާރާތް 2026” ޖުލައި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މާޅޮސް ރެކްރިއޭޝަން އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން ހާމަކޮށްފިއެވެ. ބ. މާޅޮހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އެ ރަށު މާރެސް ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މި މުބާރާތަކީ 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރުވެސް ބ. އަތޮޅުގެ ރިޒޯޓުތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. ނަމަވެސް، މިއަހަރުން ފެށިގެން މާރެސް އިން ވަނީ ކުރިން ވަކިވަކިން ބާއްވަމުން އައި އަތޮޅު ވޮލީބޯޅަ މުބާރާތާއި، ރަށު ވޮލީބޯޅަ މުބާރާތް އަދި ރިޒޯޓުތަކަށް ހާއްސަ މުބާރާތް އެއްކޮށްލައި، އެއް މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް، ވާދަވެރިކަން އިތުރުކުރުމުގެ އިތުރުން ގިނަ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތައް

ޖުލައި 20 ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. އަތޮޅުގެ ރިޒޯޓުތަކުން 3 ޓީމަކާއި، ބ. އަތޮޅުގެ ރަށްތަކުން 4 ޓީމެއްގެ އިތުރުން ޅ. އަތޮޅުން ވާދަކުރާ ޓީމެކެވެ. ރިޒޯޓުތަކުން ވާދަކުރަނީ ފޯސީޒަން ލަނޑާ ގިރާވަރު، ފިނޮޅު މޯލްޑިވްސް އަދި ސޮނެވާފުށި އެވެ. ބ. އަތޮޅުން ވާދަކުރަނީ ކަމަދޫ، ފުޅަދޫ އަދި މާޅޮހުގެ ދެ ޓީމެވެ. މީގެ އިތުރުން ޅ. އަތޮޅުން ވާދަކުރަނީ ނައިފަރު ނައިބޮލި ވޮލީ ޓީމެވެ.

މި މުބާރާތުގެ ތާރީހަށް ބަލާއިރު، 2022 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ ދުސިތު ތާނީ މޯލްޑިވްސްއެވެ. 2023 ވަނަ އަހަރު ވައްކަރު މޯލްޑިވްސް ކާމިޔާބުކުރިއިރު، 2024 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ފިނޮޅެވެ. އަދި އެންމެ ފަހުން 2025 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކުރީ އަމިއްލަފުށްޓެވެ.

މުބާރާތުގެ ގުރުއަތުލުން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިމުބާރާތުގައި ގައުމީ ލެވެލްގެ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ކުޅުންވެސް ފެނިގެންދާނެއެވެ. އެހެންކަމުން މިމުބާރާތް ވެގެންދާނީ އަތޮޅުތަކުގައިބާއްވާ މުބާރާތްކުތެރެއިން އެންމެ ވަރުގަދަ އެއް މުބާރާތަށެވެ. އަދި ހާއްސަކޮށް ބ. އަތޮޅުގައި ބާއްވާ އެންމެބޮޑު އަދި އަތޮޅުގެ ރަށްތަކުން ވާދަކުރާ ހަމައެކަނި ވޮލީ މުބާރާތަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...