ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް 1.25 ބިލިޔަން ރުފިޔާ ދޫކޮށްފި

މި އަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މި އަހަރު ދޫކުރި 1.25 ބިލިޔަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލުތަކަށް ދޫކޮށްފައިވަނީ 1.07 ބިލިޔަން ރުފިޔާއެވެ.
މި އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ކައުންސިލް ގްރާންޓުގެ ގޮތުގައި ޖުމްލަ 2.47 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ކައުންސިލުތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލުތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަނީ ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުންނެވެ.
ކައުންސިލުތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅު ކައުންސިލުތައް އުވާލައި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ބަޖެޓު ކަނޑައެޅުމުގައި އާބާދީގެ އިތުރުން ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ކައުންސިލުތަކުގެ މާލީ ތަނަވަސްކަން އިތުރުވެ، ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ހަރުދަނާވެގެންދާނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
