ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުން ޗުއްޓީއަށް

މި އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު، ރިޕޯޓް ފޮތް ހަވާލުކޮށް ދަރިވަރުން މިއަދު 12 ދުވަހުގެ ޗުއްޓީއަކަށް ގޮސްފިއެވެ. މިއީ މި އަހަރުގެ ކިޔެވުމުގެ މެދުތެރެއިން ދަރިވަރުންނަށް ލިބޭ ފުރަތަމަ ބޮޑު ބަންދެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ ބަންދަށްފަހު ދެވަނަ ޓާމުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ. މި އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެ ޗުއްޓީ ނިމި 2027 ވަނަ އަހަރުގެ ކިޔެވުން ފެށުމަށް ތާވަލުކޮށްފައިވަނީ ޖެނުއަރީ 17 ގައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސަރުކާރުގެ 217 ސްކޫލެއްގައި 81,000 އަށްވުރެ ގިނަ ދަރިވަރުން މިހާރު އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. މި ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަސައްކަތުގައި 9,950 ޓީޗަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަމިއްލަ ސްކޫލުތަކުގެ ހާލަތަށް ބަލާއިރު، އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13,000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ. މީގެ ތެރެއިން ބޮޑު ބަޔަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ. އެގޮތުން 9,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަނީ މާލޭގައެވެ.
މި އަހަރުގެ ތެރޭގައި ދަރިވަރުން ސްކޫލުތަކަށް ބަދަލުވުމުގެ ބޮޑު އޮއިވަރެއް ފާހަގަކުރެވިފައިވެއެވެ. އެގޮތުން އަތޮޅުތަކުގެ ސްކޫލުތަކުން މާލޭގެ ސްކޫލުތަކަށް 1,530 ދަރިވަރުން ބަދަލުވެފައިވާއިރު، މާލޭގެ ސްކޫލުތަކުން ހުޅުމާލޭގެ ސްކޫލުތަކަށް 836 ދަރިވަރުން ވަނީ ބަދަލުވެފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...