ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިބްރަރީ ގާއިމްކުރަނީ

އޭދަފުށި ޓައިމްސްޚަބަރު

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލައިބްރަރީގެ ޚިދުމަތް ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޮތްކިޔުމާއި މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒެކެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝުކުރުﷲ ޝަކީލް ވިދާޅުވީ، ލައިބްރަރީތައް ތަރައްގީކުރުމަށް އެކުލަވާލި ސޯޝަލް ކައުންސިލް ކަރުދާސް މިހާރު ފާސްކޮށްފައިވާ ކަމަށެވެ. ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ރަށެއްގައި ވެސް ކޮންމެވެސް ސިފައެއްގައި ލައިބްރަރީގެ ޚިދުމަތް ލިބެން ހުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.

“ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް އެއީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން މަސައްކަތްތަކެއް ދަނީ ކުރިއަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ކޮންމެވެސް ސިފައެއްގައި ލައިބްރަރީގެ ޚިދުމަތް ލިބެން ހުރުން” ޝުކުރުﷲ ޝަކީލް ވިދާޅުވިއެވެ.

ގައުމީ ކުތުބުޚާނާގެ ޚިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރުމުގެ ގޮތުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ގައުމީ ކުތުބުޚާނާގެ ގޮފިތައް ބިނާކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތްތައް ކުރިއަށްދަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭހެން ކުރިއަށް ގެންދިޔަ ޚާއްސަ ސާވޭއަކަށް ފަހުގައެވެ.

ގައުމީ ކުތުބުޚާނާގެ ޑިރެކްޓާ ޖެނެރަލް ފާތިމަތް ޝިހާމް ވިދާޅުވީ، ސޯޝަލް ކައުންސިލްގެ ކަރުދާސް ފާސްކޮށްފައި ވަނީ 100 އަށްވުރެ ގިނަ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ. މީގެ އިތުރުން، ކުތުބުޚާނާގެ ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ‘އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން’ މިހާރު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...