ތުޅާދޫ ހިމެނޭހެން 13 ރަށެއްގައި 2،100 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވާލައިފި

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގައި ބޯހިޔާވަހިކަން ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް” ގެ ދަށުން، ބ. ތުޅާދޫ ހިމެނޭހެން 13 ރަށެއްގައި 2،100 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ފަރާތްތަކެއް ހޯދަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ.
މި މަޝްރޫޢަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން، ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.
މި މަޝްރޫޢުގެ ދަށުން ބ. ތުޅާދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޅ. ނައިފަރު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހިތަދޫގައި ކޮންމެ ރަށެއްގައި 300 ޔުނިޓް އަޅާއިރު، ލ. ގަން އަދި ފޭދޫގައި ކޮންމެ ރަށެއްގައި 200 ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޯރަފުށި، އުނގޫފާރު، މުލި އަދި މީދޫގައި ކޮންމެ ރަށެއްގައި 100 ޔުނިޓްގެ އިތުރުން، މަރަދޫ އަދި މަރަދޫ ފޭދޫގައި ކޮންމެ ރަށެއްގައި 25 ޔުނިޓް އެޅުމަށް ވަނީ އިއުލާނުކޮށްފައެވެ.
މި މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، “ބިލްޑް-އެންޑް-ސެލް” މޮޑެލްގެ ދަށުންނެވެ. މި މަޝްރޫޢަށް ފައިސާ ހޯދުމާއި، ކުރެހުންތައް ކުރެހުމާއި، އިމާރާތްކުރުމުގެ ހުރިހާ ކަމެއް ކުރަންޖެހޭނީ ޑިވެލޮޕަރުން އަމިއްލައަށެވެ. ސަރުކާރުން މި މަޝްރޫއަށް ބިން ދޫކުރާނީ ހިލެއެވެ. ބިން ހަވާލުކުރާ ދުވަހުން ފެށިގެން 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަން ޖެހޭނެއެވެ.
އިމާރާތްކުރާ ހުރިހާ އެޕާޓްމަންޓްތަކަކީ ވެސް މަދުވެގެން 900 އަކަފޫޓު ހުންނަ، 3 ކޮޓަރީގެ ތަންތަނެވެ. އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ ވިޔަފާރިތަކަށް ޚާއްޞަކުރަންޖެހޭއިރު، ވެހިކަލް ޕާކުކުރާނެ ޖާގަ ވެސް ހަދަންޖެހެއެވެ. މި ސްކީމްގެ ދަށުން ކޮންމެ ޕެކޭޖެއްގެ މަދުވެގެން 60 އިންސައްތަ ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގެ ގޮތުގައި، އެންމެ މަތީ އަގަކީ 1.5 މިލިއަން ރުފިޔާ ކަމަށް ބަލައިގެންނެވެ. ބާކީ 40 އިންސައްތަ ޔުނިޓް މާކެޓް ރޭޓުގައި ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރުންނަށް ލިބެއެވެ.
ޑިވެލޮޕަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ބޮޑެތި އިނާޔަތްތަކެއް ދީފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ވިއްކާ ޔުނިޓްތަކުން ޖީއެސްޓީ ދައްކާކަށް ނުޖެހޭނެއެވެ. އަދި މަޝްރޫއަށް ބޭނުންވާ ސާމާނާއި މެޝިނަރީ އެތެރެކުރާއިރު އިމްޕޯޓް ޑިއުޓީ މާފުވާނެއެވެ. މީގެ އިތުރުން، މަސައްކަތުގެ 20 އިންސައްތަ ނިމުމުން، ވުޒާރާގެ ހުއްދައާއެކު ފައިނޭންސް ހޯދުމަށްޓަކައި ތަރައްގީކުރުމާއި ވިއްކުމުގެ ހައްގުތައް ރަހުނުކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އީމެއިލް ކުރަންޖެހެއެވެ. އަދި ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލްތައް އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އޮންލައިންކޮށް ހުށަހަޅަންޖެހޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
